އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ސަރުކާރާ ދެކޮޅަށް އެއްވުން ބޭއްވި ވަރަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ކަމަކަށް ބޭނުންވެ، އެކަން ހާސިލް ކުރަން ބޭނުންވާނަމަ އެއްވުންތައް ގިނަކުރަން ޖެހޭ ކަމަށެވެ. ޖަލްސާގައި ވާހަކަ ދައްކަން ފެއްޓުމުގެ ކުރިން ޕޯޑިއަމަށް އަރައިވަޑައިގެން ސޯލިހު ވިދާޅުވީ ޖަލްސާގެ މަގްސަދު ހާސިލްވަމުންދާ ކަމަށެވެ. ނަމަވެސް، އެ އިޝާރާތް ކުރެއްވީ ކޮން ކަމަކށް ކަމެއް ވިދާޅެއް ނުވެ އެވެ.
ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް ފާޑުކިޔުއްވާ ސޯލިހު ވިދާޅުވީ، އެ ބަދަލާއެކު މަޖިލިސް މެމްބަރުންނަށް ވެސް ފުރިހަމައަށް މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށެވެ.
ގާނޫނުގައި ބަޔާން ކޮށްފައިވާ ތަނުން ކޮންމެވެސް އެއް ގޮތަކަށް މަޖިލިސް މެމްބަރުންނަށް މަސައްކަތް ކުރައްވަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ވިދާޅުވީ، މެންބަރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ގައުމު އިސްކޮށްގެންތޯ ނުވަތަ ޕާޓީން ބޭނުންވާ ގޮތަށް މަސައްކަތް ކުރާނީތޯ ނިންމަން ޖެހިފައިވާ ކަމަށެވެ.
ސޯލިހު އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސަރުކާރަށް ގޮވާލައި، ބާތިލުކުރަންދެން މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފައިވެ އެވެ.






