ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވުމުގެ ސަބަބުން ނުވަތަ ޕާޓީން ކަނޑާލައިގެން އެ މެންބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، ބައި-އިލެކްޝަންގައި އެ ބޭފުޅަކަށް ތާއީދުކޮށް ކެމްޕެއިން ކޮށްދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ އިގުރާރުވެއްޖެ އެވެ.
އެމްޑީޕީން މިގޮތަށް ނިންމީ މިރޭ ކަނިވާ ސަރައްހަދުގައި 'ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން’ގެ ނަމުގައި އެ ޕާޓީން ބާއްވާ އެއްވުމުގެ ކުރިން އެތަނުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅި ގަރާރަކުންނެވެ. އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދެވެ.
ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމަށް ހާޒިރުވި 89 މެންބަރުންގެ އިއްތިފާގުންނެވެ.
މަހުފޫޒު އެފަދަ ގަރާރެއް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް މިފަހުން ގެނައި އިސްލާހަކާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ޕާޓީން ކަނޑާލައިގެން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، މެންބަރުކަމުގެ މަގާމު ގެއްލޭނެތީ އެވެ.
މަހްފޫޒު ހުށަހެޅުއްވި ގަރާރުގައި އޭނާ ވަނީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހަވާލާދެއްވައި އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފުވާ ބައެއް ސަބަބުތައް ބަޔާންކުރައްވާފަ އެވެ.
މަހްފޫޒު ބަޔާންކުރި ސަބަބުތައް:
– ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އިސްލާހާ އެކު، އެ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅިގެންދޭ
– ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ވާނީ މުޅި ރާއްޖޭގެ މަސްލަހަތަށް ކަމަށް ބަލައިގެން ކަމަށް ބުނާ މާއްދާއާ ވެސް އެ އިސްލާހު ހިލާފު
– މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ދައްކާ ވާހަކައެއްގެ ސަބަބުން ނުވަތަ އަމަލުކުރާ ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ






