ފަލާހުގެ އިޝާރާތަށް ޝަމްހީދުގެ މައިކު ކަނޑާލައިފި

ފަލާހުގެ އިޝާރާތަށް ޝަމްހީދުގެ މައިކު ކަނޑާލައިފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން މަޖުބޫރުކުރާ ގޮތަށް އެކަމާބެހޭ ގަވާއިދަށް ގާނޫނީ ބާރުދޭން މަޖިލީހަށް ފޮނުވާފައިވާ "ބޭރުފައިސާ"ގެ ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަ ދައްކަމުން ދަނިކޮށް، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ އިޝާރާތަކާ ގުޅިގެން ޝަމްހީދަށް ފުރުސަތު ނުދީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ މައިކު ކަނޑާލައިފިއެވެ.

މި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، މި ފަދަ އެހެން ބިލެއް ޕީއެންސީން ޑްރާންޓް ކުރުން މުހިއްމު ކަމަށެވެ.

"ގެދޮވެރި ކަމުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް، ގެދޮރުވެރި ކަމުގެ މައްސަލަ ހައްލު ކުރަން ޕީއެންސީން ބިލެއް ޑްރާފްޓް ކުރުން މުހިއްމު. އެއީ އަމިއްލަ މީހުން ހަދާފައި ހުރި ކޮންމެ ފަސް އެޕާޓްމެންޓަކުން ދެ އެޕާޓްމަންޓް ސަރުކާރާ ހަވާލު ކުރަން، އެފަދަބިލެއް ޑްރާފްޓް ކުރެވިއްޖެނަމަ އެޕާޓްމަންޓް ރައްޔިރުންނަށް ލިބި އެކަން ހައްލުވާނެ، މިއީ އެފަދަ ބިލެއް،" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، މި ބިލަކީ އެގޮތަށް، ރައްޔިތުންގެ އަތުގައިހުރި ފައިސާއެއް ސަރުކާރަށް ފޭރިގަތުން ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، މިދިޔަ 2023 ވަނަ އަހަރު ޓޫރިޒަމްގެ ދާއިރާއިން 4.4 ބިލިޔަން ލިބިފައިވާއިރު، އޭގެ ތެރެއިން ބޭންކުތަކަށް ވަނީ އެންމެ 10 ޕަސެންޓް ކަމަށް، މި ބިލު ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ބިލު ހުށަހަޅުއްވަމުން ވިދާޅުވި ނަމަވެސް، އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާމެދު ނުބައި ތަސައްވުރެއް އުފައްދަން ދެއްކެވި ހަގީގަތާ ޚިލާފު ވާހަކައެެއް ކަމަށެވެ.

"އެންމެ ފުރަތަ އެއް ބިލިޔަނާ 1.5 ބިލިޔަނާ ދޭތެރޭގައި ދައުލަތަށް ދިން ޓެކްސްގެ ގޮތުގައި، އެއާއެކު ރިސޯޓު ތަކުގައި ހިންގާ ޖަނަރޭޓަރު ތަކަށް ތެޔޮ އެޅުމަށް އެސްޓީއޯއަށް ނުވަތަ އެފްއެސްއެމްއަށް 300 މިލިޔަން ޑޮލަރު އެބަ ދައްކާ، ސާވިސްޗާޖުގެ ގޮތުގައި 400 މިލިޔަން ޑޮލަރު އިގްތިސާތު ތެރެއަށް އާއްމު މީހުން އަތުން އެބައާދޭ، އަދި މުސާރައިގެ ގޮތުގައި 300 މިލިޔަނާ 400 މިލިޔަނާ ދެމެދުގެ އަދަދެއް އެބަދޭ، އެހެންވީމާ 10 ޕަސެންޓޭޖުން އެ ދައްކަނީ ނުބައި މަންޒަރެއް،" އޭނާ ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، ފަލާހު ވިދާޅުވި ގޮތަށް، ތިން ހަތަރު މަސްތެރޭގައި ޑޮލަރުގެ އަގު 16 ރުފިޔާއަށް ތިރިވާނަމަ އޭނާވެސް މި ބިލަށް ތާއީދު ކުރައްވާނެ ކަމަށެވެ.

އެހާހިސާބުން ޕާޓީއަށް ހަމަޖެހިފައިވާ ވަގުތުން ވަގުތުކޮޅެއް ވާހަކަ ދެއްކުމަށް އިތުރު ކޮށްދެއްވުމަށް ޝަމްހީދު ރިޔާސަތުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޝަމްހީދު އެހެންވިދާޅުވުމާއި ގުޅިގެން ފަހަތުގައި އިންނެވި ފަލާހު އަތްހޫރުވައި ޝަމްހީދަށް ފުރުސަތު ނުދެއްވުމަށް އެދެމުން ދިޔައެވެ.

އެކަމާގުޅިގެން ޝަމްހީދުގެ މައިކު ކަނޑުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ވަގުތު އިތުރު ކޮށްދެވޭނީ ޕީޖީ ލީޑަރު އެދުމުން ކަމަށާއި، މިހާތަނަށް އެފަދަ ކަމަކަށް ޕީޖީ ލީޑަރު އެދިފައި ނުވާކަމަށެވެ. މީގެކުރިން މިފަދަ ހާލަތް ތަކުގައި ރިޔާސަތުން އެގޮތަށް ވިދާޅުވެފައެއް ނުވެއެވެ.

އޭގެކުރިން ވެލިދޫ ދާިއރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަމުން، ވަގުތު އިތުރު ކޮށްދެވުމަށް ވިދާޅުވެ ވާހަަކަ ކުރިއަށް ގެެންދެވިއެވެ. ނަމަވެސް ރިޔާސަތުން އެކަމަށް އެއްޗެއް ވިދާޅެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *