ރައްޔިތުންގެ މަޖިލީހުގެ ސާވިސްގެ ވަޒީފާއަދާ ކުރާ މުވައްޒަފުން، އެ މީހުންގެ އުމުރުން ހަތްދިހަ އަހަރާއި ހަމައަށް އެ ވަޒީފާގައި ދެމިހުރެވޭ ގޮތަށް، ޕާލަމެންޓްރީ ސާވިސް ގަވައިދު މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ބަދަލު ކޮށްފިއެވެ.
ގަވައިދަށް އާއްމު ކޮމިޓީން މި ބަދަލު ގެންނަން ފާސްކުރީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކޮށް ވޯޓަށް އަހައިގެންނެވެ.
ޕާލަމެންޓްރީ ސާވިސްގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ޕާލިމަންޓްރީ ސާވިސްގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ޕާލިމަންޓްރީ ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކި ކުރެވޭނެއެވެ.
ނަމަވެސް ގަވާއިދުގެ އެބަޔަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބުދުﷲ ވަނީ މަޖިލީހުގެ އާއްމު ކޮމިޓީގައި އެދިފައެވެ.
އެހެން ކަމުން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ދެމިތިބުމަށް އެދޭ ފަރާތް ތަކަށް އުމުރުން 70 އަހަރުވުމާއި ހަމައަށް އެ ފަރާތަކުން އަދާކުރަމުންދާ މަގާމުގައި، ދެމިތިބުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ލިބިގެންވާ ކަމަށް ފާސްކޮށްފައެވެ.
އެހެން ކަމުން ޕާލަމެންޓްރީ ސާވިސްގައި ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ގެންގުޅެން ވާނީ ޕާލަމެންޓްރީ ސާވިސް ވަޒީފާއިން މުސްކުޅި ކުރެވޭ ފަރާތްތަކަށް ވަޒިފާ ދިނުމާބެހޭ ގޮތުން ގޮތެއް ނިންމުމަށްފަހުގައި ކަމަށްވެސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ.