"އިހައްދުވަހާ ޖެހެންދެން" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް މިނިވަންކަން މިއަދު އޮތް ކަމަށް ނުދެންނެވޭނެ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އޮޑިޓް އޮފީހުގެ މަސައްކަތްތަކާބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭން ކޮރަޕްޝަން ހުއްޓުވުމަށް ހުރި ކޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމުގެ ކަންތައްތައް ރަނގަޅު ކުރުމުގެ ވިސްނުމާއި ނިޔަތް އޮވެއްޖެއްޔާ ޖެހޭނީ އިންޑިޕެންޑެންޓް އޮޑިޓަރެއް ބަހައްޓަން ކަމަށެވެ.
އެހެންނޫނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރެއްނަމަ، ސަރުކާރުން ކަންތައްްތަކުގެ ތެރެއަށްވަދެ، މަސައްކަތް ކުރުމަށް އޮޑިޓަރ ޖެެނެރަލް ބިރު ގަންނާނެ ކަަމަށް ގާސިމް ވިދާޅުވިއެވެ.
"މިނިވަން އޮޑިޓަރެކޭ ބުންޏަސް، ބިރުގަނޭ އެބޭފުޅުން ސަރުކާރުގެ މެޖޯރޮޓީ އޮންނަ ޕާލަމެންޓެއް ކަަމަށްވަންޏާ އޭރުގައި ހިނގާ ސަރުކާރުގެ ތެރެއަށް ވަދެ ގަނެގެން އެކަމެއް ކުރަން، ރައީސް އޮފިހުގެ ފަރާތުން އެކޮށްދެން ނޭދެންޏާ، އެއީ އިންސާނުން ކަަމަށްވާތީ އެކަން ހިނގާނެގޮތް،" ގާސިމް ވިދާޅުވިއެވެ.
އޮޑިޓަރުންނަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވުމާއި، ބިރު ދެއްކުމާއި، މަޖިލީހަށް ހުށަހަޅައިގެން އެބޭފުޅުން ވަކި ކުރެވޭ ގޮތަށް އޮތްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، އެގޮތަށް ފިޔަވަޅު ނޭޅޭނެ ބަޔަކަށް "އިހައްދުވަހާ ހަމައަށް" ހަމައެކަނި ތިބީ މަޖިލިސް މެންބަރުން ކަމަށެވެ.
"އެގޮތަށް ފިޔަވަޅެއް ނޭޅޭނެ ބަޔަކަށް ތިބީ މަޖިލިސް މެންބަރުން. މިއަދު ތިބޭފުޅުންގެ ވާހަކަ އަޅުގަނޑު ދައްކާކަށް ބޭނުމެއް ނޫން، ނަަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިހައްދުވަހާ ޖެހެންދެން ތިބީ މިނިވަންކޮށޭ އަޅުގަނޑު ދަންނަވާނީ. އެހެންނަމަވެސް މިއަދު އެ މިނިވަންކަން އޮތެކޭ އަޅުގަނޑެއް ދަންނަވާކަށް ނެތް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ، ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކޮށްފިނަމަ، ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނައުމާއި ގުޅިގެންނެވެ.
ޤާނޫނުއަސާސީއަށް އެ އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނީ، ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.