ޑޮލަރު މާރު ކުރަންޖެހޭ "ބޭރުފައިސާ"ގެ ބިލުގައި ބޮޑެތި ޖޫރިމަނާ ތަކަކާއި، ވިޔަފާރި ހުއްދަ ހިފެހެއްޓުން!

ޑޮލަރު މާރު ކުރަންޖެހޭ "ބޭރުފައިސާ"ގެ ބިލުގައި ބޮޑެތި ޖޫރިމަނާ ތަކަކާއި، ވިޔަފާރި ހުއްދަ ހިފެހެއްޓުން!

ރިސޯޓު ތަކަށް ލިބޭ ޑޮލަރު ބޭންކުން މާރު ކުރަންޖެހޭ ގަވާއިދަށް ޤާނޫނީ ބާރުދޭން މަޖިލީހަށް ފޮނުވާފައިވާ "ބޭރުފައިސާ"ގެ ބިލުގައި އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތް ތަކުގެ ވިޔަފާރީގެ ހުއްދަ ހިފަހައްޓައި، މިލިޔަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރަން ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައި ވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްފައިފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭން ބޭރު ކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާ ކުރުމާއި، މާރު ކުރުމާބެހޭ އުސޫލު ތަކާއި، އެނޫންވެސް ބޭރު ރައިސާ އާއި ބޭރު ފައިސާއާބެހޭ މުއާމަލާތް ތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.

މި ބިލުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފައެވެ.

ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރު ކުރަން ލާޒިމު ވާނެއެވެ.

ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސް ތަކުން ނުވަތަ ޓޫރިސްޓް އުޅަނދު ތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރު ކުރަން ޖެހެއެވެ.

ނަމަވެސް ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތް ތަކަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރި ތަކުން، އެ ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ. އެއީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށްވުރެ ބޮޑު ނުވާ އަދަދެކެވެ.

ނަމަވެސް ޓޫރިސްޓް އުޅަނދުގެ ތެރެއިން ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް އޮޕަރޭޓް ކުރާ ޓޫރިސްޓް އުޅަނދުތައް މި ޤާނޫނުން އިސްތިސްނާވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ ފަރާތްތަކުގެ މައްސަލަތަކާއި، މި ޤާނޫނުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ހިސާބުތަކާއި މައުލޫމާތުތައް އޮޅުވާލާފައިވާ ކަމަށް ބެލެވޭ ފަރާތްތަކާއި މި ޤާނޫނުގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ރެވެނިއު އޮތޯރީ (މީރާ) އަށް ވަނީ ދީފައެވެ.

 

ފައިސާ ޖަމާނުކުރާ ފަރާތްތަކުން އެ އަދަށް ފައިސާ ޖަމާކުރާނަމަ ޖަމާ ކުރަންޖެހޭ ބޭރު ފައިސާގެ 25 ޕަސެންޓް އަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުުގެ ބާރު  އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

އަދި އެކަން ރަނގަޅު ކުރަންދެން ނުވަތަ އަމަލު ކުރަންޖެހި އަމަލު ނުކުރާ ކަންތައްތަކަށް އަމަލު ކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެމަހަކަށް ޖަމާ ކުރަންޖެހޭ ބޭރު ފައިސާގެ 25 ޕަސެންޓަށްވުރެން އިތުރު ނުވާނެ އަދަދަކުން އެފަރާތެއް ޖޫރުމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން ބޭންކުން މާރު ކުރަންޖެހޭ އަދަދަށް ބޭރު ފައިސާ ޖަމާނުކުރާ ފަރާތްތައް މާރު ކުރަންޖެހޭ ބޭރުފައިސާގެ 5 ޕަސެންޓަށްވުރެން އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

ބިލުގައި ވާގޮތުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް އެފަރާތްތައް ކުރި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސްް ވަނީ ހިމަނައިފައެވެ. އަދި ޖޫރިމަނާ ނުދައްކާ ފަރާތްތައް 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކާނަމަ އެ ފަރާތެއްގެ ވިޔަފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުވެސް އޮތޯރިޓީއަށް ވަނީ ދފީފައެވެ. އޭގެ އިތުރުން ޖޫރިމަނާ ފައިސާ ހޯދުމަށް މައްސަލަަ ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ ބާރުވެސް ބިލުން ވަނީ އޮތޯރިޓީއަށް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *