ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ދަށުން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ބްރިޖްގެ ތަނބުތަށް ޖަހާތީ އެ ސަރަހައްދުން ދަތުރުނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ، މާލެ – ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، ގުޅިފަޅު – ތިލަފުށި ދެމެދު ކަނޑުގައި ތަނބުތަށްޖެހުމުގެ މަސައްކަތް 05 ޑިސެންބަރު 2024 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތާއި ގުޅިގެން ގުޅިފަޅު – ތިލަފުށި ޗެނަލް, މާލެ-ވިލިމާލެ އަދި ވިލިމާލެ – ގުޅިފަޅު ޗެނަލްތައް 5 ޑިސެންބަރު ވާ ބުރާސްފަތިދުވަހުން ފެށިގެން ބަންދުކުރުމަށް ހަމަޖެހިފައިވާތީ ކަނޑު އުޅަނދުފަހަރު މި ސަރަހައްދުތަކުން ދަތުރު ނުކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
ނިމުނު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުން ދަތުރުކުރުން މަނާކޮށްފައި އޮތްނަމަވެސް ބައެއް ލޯންޗްފަހަރުތަކުން އެކަމަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވެއެވެ.