ރާއްޖޭގެ ތާރީޚުގައި ނެގި އެންމެ ބޮޑު ރާޅާއެޅީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ޝިޔާމް މުޙަންމަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރާއްޖެޓީވީގައި މިއަދު ހެނދުނު "ފަށާއިރު" ގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިން، ޕްރެޒެންޓަރު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ޕްރެޒެންޓަރު ކުރި ސުވާލު ކުރީ ޝިޔާމް ފިޓްކޮށް ހުންނަނީ ކަސްރަތު ކުރައްވައިގެންތޯއެވެ. ޖަވާބުގައި ޝިޔާމް ވިދާޅުވީ އޭނާ އަބަދުވެސް އެންމެ ގިނައިން ކުރައްވާ ކަމަކީ ރާޅާއެޅުމާއި ފެތުން ކަމަށެވެ. މިހާރުވެސް އެކަން ކުރައްވާ ކަމަށެވެ. ކުރިން ވަރަށް ބޮޑަށް ރާޅާއެޅުމުގެ ތެރޭގައި އުޅުއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ރާޅާ އެޅުއްވީ އޭނާ ކަމަށެވެ. އެއީ 1980 ގެ އަހަރުގައިި ކަމަށާއި، އެ ރާޅުގެ އުސްމިނުގައި 15 ފޫޓް ހުންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ފިޓްކޮށް ހުންނަ ސަބަބާބެހޭ ގޮތުން ޝިޔާމް ވިދާޅުވީ، އިތުރު ވަކި ޚާއްސަ ކަސްރަތެއް ނުކުރައްވާ ކަމަށާއި، އަދި ކެއުމުގައިވެސް ވަކި ގޮތެއް ނުބައްލަވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ، ކާން ބޭނުންފުޅުވާ އެއްޗެއް އެއިރަކު ކަނީ ކަމަށާއި އަދި ކެއުމަށް ވަކި ވަގުތެއްވެސް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ބަނޑުހައިވީމަ ކަނީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ އޭނާ ރިސޯޓުގައި ގެންގުޅުއްވާ އަސް ގެނައި ސަބަބާބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ، ޖަނަވާރުގެ ތެރެއިން އޭނާ އެންމެ ލޯބި ކުރައްވާ ޖަނަވާރަކީ އަސް ކަމަށެވެ. އެހެންވެ އަބަދުވެސް ރިސޯޓަށް އަހެއް ގެންނަން ވިސްނެވި ކަމަށެވެ. ނަމަވެސް ކުރިން ހިންގެވި ރިސޯޓުތައް ކުޑަ ވުމުން ނުގެނައީ ކަމަށާއި، "ޝިޔާމް ވޯލްޑް" ހުޅުވުމަށްފަހު އަސް ގެނައީ އެ ރިސޯޓު ބޮޑުވުމުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ފުރަތަމަ ދެ އަސް ގެނައި ނަމަވެސް މިހާރު އެ ދެ އަސް ވިހައިފި ކަމަށެވެ. އެހެންވެ މިހާރު ރިސޯޓުގައި 4 އަސް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަސް ވިހެމުގެ ރެކޯޑު އޮތީވެސް "ޝިޔާމް ވޯލްޑް" ގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އެ އަސްތަކުން ގިނަ އަދަދަކަށް ފައިސާ ލިބޭ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ރިސޯޓަށް އަންނަ ފަތުރުވެރިން އަސް ކައިރީގައި ފޮޓޯ ނެގުމާއި އަސް ދުއްވުމުން ލިބޭ ފައިސާ ކަމަށް ވިދާޅުވިއެވެ.