އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ އުކުޅަހާއި ރަސްދޫ އަދި ތޮއްޑޫއަށް ވަޑައިގަތުމުން އެ ތިން ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި ދަތުރުފުޅުގައި ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އުކުޅަހަށެވެ. އުކުޅަހަށް ވަޑައިގަތުމުން އެމްޑީޕީގެ މެމްބަރުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އެރަށަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ޝާހިދު ވަނީ އެ ރަށުގެ ބަޔެއް ގެތަކަށް ވަޑައިގެން އާންމުންނާ ބައްދަލު ކުރައްވާފައެވެ.
އުކުޅަހު ދަތުރުފުޅަށްފަހު ދެން ވަޑައިގަތީ ރަސްދޫއަށެވެ. އެރަށުންވެސް ޝާހިދަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެރަށުންވެސް އެމްޑީޕީގެ މެމްބަރުންނާ ޝާހިދު ބައްދަލު ކުރެއްވިއެވެ. ރަސްދޫއިން ދެން ވަޑައިގެންނެވީ ތޮއްޑޫއަށެވެ. ތޮއްޑޫންވެސް ޝާހިދަށް ކިޔާފައި ވަނީ ވަރަށް ހޫނު މަރުހަބާއެކެވެ.
ތޮއްޑޫ ދަތުރުފުޅުގެ ތެރެއިން، ރޭ އެރަށުގައި އޮތް ބައްދަލުވުމެއްގައި ތޮއްޑޫގެ މަޝްހޫރު ބޮޑު ދެކުލަބެއްގެ އިސްވެރިންނާއި މަޝްހޫރު ވިޔަފާރިވެރިއަކުވެސް ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ. އޭގެތެރޭގައި ތޮއްޑޫ ސޯސަން ކުލަބުގެ ރައީސް އާދަމް މުނާޒްއާއި އެ ކުލަބުގެ ނައިބު ރައީސް އާދަމް ނިޝާހުވެސް ހިމެނެއެވެ. މީގެއިތުރުން ތޮއްޑޫ ބްރައިޓް ކުލަބުގެ ނައިބު ރައީސް އަޙްމަދު ފާއިގު އާއި ތޮއްޑޫގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ މޫސާ މަޖުދީ އާއި އިތުރު ޒުވާނުން ތަކެއްވެސް ހިމެނެއެވެ.