އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ކޮމިޝަނުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ދެބޭފުޅުންނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ދިރާސާކޮށް، އެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި އޭސީސީގެ ނައިބު ރައީސަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާކުރެވޭ ވަރަށް ހެކި ހުރެ ދައުވާ ނުކުރެވޭނެކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލްކުރުމާއި، ބިންވެރިޔާ ސްކީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ސަޖެސްޓްކޮށްފައިވަނިކޮށް، ރިޔާސީ އިންތިހާބާ ގުޅިގެން ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުން ވެދާނެތީ، އެ އިންވެސްޓިގޭޝަން އޯވަސީކުރާ އިސް ފަރާތުގެ ހައިސިއްޔަތުން މައްސަލަ ހުއްޓުވި ކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނު ހިފަހައްޓައި، ބަލައި ފާސްކުރުމަށްޓަކައި ހޯދަން އުޅުނު ކޯޓު އަމުރުތައް ހޯދުން ލަސްކޮށް ހެކި ނައްތާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
ކޮމިޝަންގެ މެމްބަރުކަން ލިބުނު ފަހުން އެ ކޮމިޝަނުގެ އޮނިގަނޑު އިސްލާހުކޮށް ފޮރެންސިކް ސެކްޝަނެއް ހަދައި އެ ތަނުގެ ހެޑްއަކަށް ކުރިން އެ ކޮމިޝަނު ގައި މަސައްކަތްކުރި، ނައިބް ރައީސް އާއި އެ ކޮމިޝަނުގެ އެހެން މެންބަރަކާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ގާތް މުވައްޒަފެއް ނަގާފައިވާކަމާއި، އެ ސެކްޝަނުން ކުރާ މާބޮޑު މަސައްކަތެއް ނޯންނައިރު އެ ތަން ކުރިއަރުވަން މާބޮޑު ކަމެއް މި ފާއިތުވެ ދިޔަ މުއްދަތުގައި ކޮށްފައިނުވާކަން ފާހަގަކުރުމުގެ އިތުރުން އެ ކޮމިޝަނުގެ އޮނިގަނޑު އަލުން އިސްލާހުކޮށް އާ ޑިޕާޓްމަންޓެއް ހަދައި އެ މުވައްޒަފަށް އެ ޑިޕާޓްމަންޓްގެ ހެޑްކަން ދިނުމަށް މަސައްކަތްކުރަމުން ގެންދާ ކަމަސްވެސް ވަނީ ތުހުމަތު ކޮށްފައެވެ.
ނައިބު ރައީސް ބޭނުންވާގޮތަކަށް ކަންކަން ނުކުރެވޭތީ، ކޮމިޝަނުގެ ރެޖިސްޓްރާ މަގާމުން ވަކިކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބޭނުންވާ ގޮތަށް މައްސަލަތައް ނިންމުމަށް ކޮމިޝަނުގެ އެހެން މެންބަރުންނަށް ބާރު އަޅާކަމަށާއި، އެއް ބާވަތެއްގެ އެއް ކަހަލަ ހެކިތަކެއްހުންނަ މައްސަލަތަކުގެ ނިންމުންތައްވެސް ތަފާތުވެފައިވާކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އަމިއްލަ މަސްލަހަތަށް އިސްކަންދީގެން މައްސަލަަތައް އެޖެންޑާ ކުރުމާއި، ގިނަ ފަހަރު އެހެން މެންބަރުންނަށް ރިޕޯޓު ބަލާލަން ވަގުތު ނުވާނެގޮތަށް އެޖެންޑާކޮށް މައްސަލަތައް ނިންމާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އެގޮތުން 2022 ވަނަ އަހަރުގެ މައްސަލަތަކެއް އެޖެންޑާނުކޮށް ބަހައްޓައި، އަހަރު ނިމެން ގާތްވުމުން ޑިސެންބަރު ފަހުކޮޅު ފުލުފުލުން ބައްދަލުވުންތައް ބާއްވައި މައްސަލަތައް ނިންމާ ފައިވާކަމާއި، ހުސްވި އަހަރުވެސް ކަންތައްކުރީ ހަމަ އެގޮތަށް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ކޮމިޝަނުގެ މެންބަރު ތާހާ މުހައްމަދަށް ކޮމިޓީން ކޮށްފައިވާ ތުހުމަތަކުގެ ތެރޭގައި، ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށ،ް ނުފޫޒުން އެ އިސްތިއުނާފު ބާތިލުކޮށް އެފަރާތަށް ބަދަލު ނަގައިދިންކަމާއި، ބަދަލު ދިނުމުގައި މީގެ ކުރިން އޭސީސީން އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެހެން ދެ ތަނެއްގައި އެފަރާތުން ވަޒީފާ އަދާކުރި މުއްދަތު ހިމަނައިގެން ބަދަލު ނަގައިދުން ހިމެނެއެވެ.
މީގެ އިތުރުން އޭސީސީގެ މެންބަރުންނަކީ، ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރ،ު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގެ ވެބްސައިޓްގައ،ި އެ ލޯފަރމްގެ އެޓާނީންގެ ތެރޭގައި މިހާރުވެސް މެންބަރު ތާހާ ހިމަނާފަިއވާ ކަންވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.