ހޯކްސް، ބޯޓަކުން ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މިނިސްޓަރު އިހުސާން އާއި އަމީން ކޮމިޓީއަށް

ހޯކްސް، ބޯޓަކުން ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މިނިސްޓަރު އިހުސާން އާއި އަމީން ކޮމިޓީއަށް

ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރިކަމަށް ބުނާ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރަން ނިންމައިފިއެވެ.

މީގެކުރިން މި މައްސަލައާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް އެދި ކޮމިޓީން ވަނީ ހޯމް މިނިސްޓްރީއަށް ސިޓީ ފޮނުވައިފައެވެ.

ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ދެ މިނިސްޓަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވަމުން، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައަކީ ރައްޔިތުންގެ ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް އޮތް މައްސަލައެއް ކަމަށެވެ. އައި އެސީ ކޮމިޓީން އިސްނަގައިގެން ބަަލަންޖެހޭ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ކަމާބެހ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާއިރު، އެ ވަރަކުންނުފުދޭ ކަމަށާއި، އެ މައްސަލައިަގއި މެންބަރުން ބޭނުން ސުވާލެއް މިނިސްޓަރުންނާ ކޮށްގެން، ލައިވްކޮށް ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދަން ނާޒިން ހުށަހެޅުއްވިއެވެ. ވީހާ އަވަހަކަށް އެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނާޒިމް ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ތުޅާދީ ދާއިރާގެ މެންބަރުއަބްދުލް ހައްނާން އަބޫބަކުރެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، އެ ކުންފުނިން ބުނެފައިވަނީ، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށް އަމިއްލަ މަންފާ ނެގިކަމަށް ތުހުމަތުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓުތައް އެތެރެކުރީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައި ވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ހޯކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުން ވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ ފަރާތުން އިދާރީގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

"އެގޮތުން ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ." ހޯކްސްގެ ބަޔާނުގައި ބުންޏެވެ.

ހޯކްސް އިން ބުނީ އެފަދަ ޣައިރު ގާނޫނީ އަމަލުކުތަކުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ، ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ އެ އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެތެރޭގެ ކޮންޓްރޯލު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހޯކްސް އިން ބުންޏެވެ.

ހޯކްސް ބޯޓްޔާޑަށް ވަދެ، ފުލުހުން ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި ނަމަވެސް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެ، އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ބޯޓުޔާޑަށް ވަނުމުގެ ފުރުސަތުދީ، ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *