ފަލަސްތީނުގައި، އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިއަދު އަމުރު ނެރެފި އެވެ.
އައިސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހު ކަމަށްވާ 20 މެއި 2024 އަށް ހިންގާފައި ވާތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޯވް ގަލަންޓާއި ދެ މީހުން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ ކަމަށެވެ.
އެ އަމުރު ތަކުގެ އިތުރުން އައިސީސީން ވަނީ ހަމާސްގެ އަސްކަރީ ވެރިޔާ ޟައީފްގެ މައްޗަށްވެސް މިފަދަ މައްސަލަ ތަކުގައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.
އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން ވަނީ މިދިޔަ މަހުގެ ތެރެއިގައި ނަތަންޔާހޫ އާއި ގަލަންޓު ހައްޔަރު ކުރުމުގެ އަމުރަކަޑް އެދިފައެވެ. އޭނާ އެފަދަ އަމުރަކަށް އެދުނީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑަށް ޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ. ނަތަންޔާހޫ ވަނީ މި މަހުގެ ކުރީކޮޅު ގަލަންޓް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފައެވެ.
އައިސީސީގެ މެންބަރު ގައުމުތަކުގެ އަދަދު 124 އަށް އަރާއިރު އެއިން ގައުމަކަށް މި އަމުރު ރައްދުވާ މީހަކު ހިނގައްޖެ ނަމަ ހައްޔަރު ކުރަން ލާޒިމުވާނެއެވެ. އެކަމަކު އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ނޯވެއެވެ.
އެމެރިކާ އާއި އިޒްރޭލަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ. އެކަމަކު ފަލަސްތީނުން 2015 ވަނަ އަހަރު ވަނީ އައިސީސީ ބަލައިގެންފަ އެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް އިޒްރޭލުގެ ބައެއް އޮފިޝަލުން ވަނީ ރައްދު ދީފަ އެވެ. އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކޯޓުގެ ނިންމުން ކުށްވެރިކުރާ ކަމަށާއި، އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ އިޒްރޭލުގެ ދެމިއޮތުމަށް "ޓެރަރިސްޓުންނާ ދެކޮޅަށް" ކުރާ ހަނގުރާމައެއް ކަމަށެވެ.
އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލިބަމަން ބުނީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ "ދެފުށް ދެގޮތްކަން" ހާމަވާ އަމުރެއް ކަމަށެވެ.
އެމެރިކާއިން ވަނީ އައިސީސީން އިޒްރޭލުގެ މައްސަލަ ތަހުގީގުކުރަން އުޅޭތީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.