ޤާނޫނުއަސާސީއަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙު ތަކުގެ ތެރެއިން، މަޖިލިސް މެމްބަރުން، މެމްބަރު ކަމުން ވަކިކުރެވޭ އިސްލާޙު އެއޮތްގޮތަށް ފާސް ކުރުމާއެކު މަޖިލީހުގެ މެމްބަރުން ދެން ތިބޭނީ، ޕާޓީގެ ލީޑަރުގެ މުށުތެރޭ ތާށިވެފައި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރެއްވި، އަދި ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ އެ ޤާނޫނާއެކު، ދެން ޕާޓީ ލީޑަރު ނުރުހޭ ގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފިނަމަ، ޕާޓީއިން ވަކިކޮށްލުމުން މަޖްލިސްގެ މެންބަރުކަން ގެއްލިގެންދާނެ ކަމަށެވެ.
"ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މަޖްލިސް މެންބަރަކަށް ދެންނޯންނާނެއެވެ. މަޖްލިސް މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީއެވެ." ސޯޝަލް މީޑިޔާގައި އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ޕާޓީ އެއްގެ ޓިކެޓްގައި މީހަކު މަޖްލީހަށް އިންތިޚާބު ވިޔަސް، އެމެންބަރަކު ހޮވުމަށް ވޯޓުދޭ %75 މީހުންނަކީ ޕާޓީގެ މީހުންނެތް ނޫން ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރު ތަމްސީލު ކުރަން ޖެހޭނީ ޕާޓީ ނޫން ކަމަށާއި، މެމްބަރު ތަމްސީލު ކުރަންޖެހޭނީ ރައްޔިތުން ކަމަށް އުމަރު ވިދާޅުވިއެވެ.
"އެތަށް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖްލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ 3 މެންބަރުންގެ ވޯޓުންނެވެ. " އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން "ރައްޔިތުންގެ މަޖްލިސް" ދެން ބަދަލުވެގެން ދާނީ "ޕާޓީގެ މަޖްލިސް" އަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ވޭތުވި 19 އަހަރު ދުވަސް ތެރޭ ރާއްޖެއަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަމަށެވެ.
"މުޅި ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖްލިސް އެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބުނީއެވެ. ދެރައީ އަމިއްލަ ގައިގާ ވަޅިއެރޭއިރުވެސް މަޖްލިސް މެންބަރުންނަށް އެކަން ނޭގޭކަމެވެ." އުމަރު ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް އިއްްޔެ ގެނައި ބަދަލާއެކު، މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީ ނޫން ޕާޓީއަކަށް ފަހުން ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެއެވެ. އަދި އެ މެމްބަރު ހުރި ޕާޓީން އަމިއްލައަށް ކެނޑުނަސް އަދި ޕާޓީން ކަނޑާލިޔަސް ގޮނޑި ގެއްލޭނެއެވެ.