ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، މަޖިލިސް އިދާރާގެ ވަށައިގެން ހުރި ސަރަހައްދު ބަންދު ކުރަން ފަށައިފިއެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަހައްދަށް ނުވަދެވޭނެހެން ގިނަ މަގުތަކެއް ބަންދު ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށް، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޤާނޫނުއަސާސީއަށް އިސްލާޙު ތަކެއް ގެނައުމުގެ ބިލެއް މިއަދު ވަނީ މަޖިލީހަށް ހުށަހެޅި، އެ އިސްލާޙުތަކާމެދު ބަހުސްވެސް ފަށާފައެވެ. ނަމަވެސް އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރަނީ އެކަމާ ގުޅިގެން ކަމެއް ސާފެއްނުވެއެވެ.