ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހަށް މެންބަރު އިންތިހާބުވާ ޕާޓީނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާގައި އެ ބިލުގެ ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސް ވެސް  ވަނީ އެޖެންޑާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރަނީ މާދަމާގެ ޖަލްސާގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ފާސްކުރުމަށެވެ.

ސަރުކާރުގެ ފަރާތުން ޖުމްލަ ހަތަރު އިސްލާހެއް ގާނޫނުއަސާސީއަށް ގެނައުމަށް ނިންމައިފަ އެވެ.  އެގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ.

ބިލުގައި ހިމެނޭ މައިގަނޑު ކަންކަން؛

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުން

މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ.

އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.

ރައީސަށް އިތުރު ބާރެއް

މި ބިލުގައި ދެން ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކުރުމެވެ.

އެގޮތުން ރައީސަށް އަލަށް ދޭ ބާރަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމެވެ.

އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުން

ގާނޫނު އަސާސީއަށް އިތުރުކުރާ މި މާއްދާގެ ދަށުން ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް، އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *