ދިވެހި ރާއްޖޭގެ ތާރީޚުގައި ރައްޔިތުންނަށް ހެދުނު އެންމެބޮޑު އެއް މިސްޓޭކަކީ، ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ޑރ. މުޙަންމަދު މުއިއްޒު ގެނައުން ކަމުގައި ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ރާއްޖެ ޓީވީ އިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރު، ރައްޔިތުންނަށް އެތައްކަމެއް ދަތި ވެއްޖެ ކަމަށެވެ.
"ދިވެހިރާއްޖެއަށް ބަލާލައިފި ކަމަށްވަންޏާ، ދިވެހި ތާރީޚުގައި އެންމެ ބޮޑަށް ހެދުނު އެއް މިސްޓޭކު ކަންނޭނގެ މިއީ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުން. ގައިމުވެސް އެއް އަހަރު ވެގެންދިޔައިރު މުޅިރާއްޖޭގައި ހުރިހާ ރައްޔިތުން އެކިތަންތާނގަ އެ ވާހަކަ ދައްކަމުން އެދަނީ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، އާސަންދަ އާއި އެންސްޕާގެ ޚިދުމަތް ނުލިބުމާއި، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ވަކިބަޔަކަށް ކަނޑާލަން ނިންމުމާއި، މަސްވެރިންނަށް ފައިސާ ނުދެވުމާއި، ޚާރިޖީ ގުޅުންތައް ގޯސްވުމާއި، މީގެއިތުރުންވެސް ގިނަ ގޯސްތަކެއް ސަރުކާރުން ހަދާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ދެއްވާނީ ކޮން ރިޕޯޓެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ، ރިޕޯޓެއް ދެއްވަން ފުރުޞަތު ލިބިއްޖެނަމަ، ދެއްވާނީ "ޔޫ" އަށްވުރެވެސް ތިރިން އަކުރެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ، ރައީސް ޑރ. މުއިއްޒުވެސް ވާހަކަފުޅު ދައްކަވަނީ އެކިއިރު އެކިގޮތަށް ކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާބެހޭ ގޮތުންވެސް ރައީސް ދެއިރު ދެގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަލްޖަޒީރާގައި ވިދާޅުވީ ލޮނުގަނޑު އުފުލޭނެ ކަމަށް ގަބޫލެއް ނުކުރަމޭ، ކޮޕަށް ވަޑައިގެން ވިދާޅުވީ ލާރިދޭށޭ، ފެތެނިއްޔޭ: މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މި ސަރުކާރުން ޕްރޮފެޝަނަލްކޮށް ކުރިޔަށް ގެންދަންޖެހޭ ކަންކަންވެސް ޕްރޮފެޝަނަލް ނޫން ގޮތްގޮތަށް ކުރިޔަށް ގެންދިޔުމުން ސަރުކާރު އޮތީ ވަރަށް ބޮޑަށް "ބޮލާފޮށާ" އެޅިފައި ކަމަށެވެ. ޚާއްސަ ގޮތެއްގައި ޚާރިޖީ އަދި އަސްކަރީ ކަންކަމާއި ގުޅޭގޮތުން އިދިކޮޅުގައި އޮތްއިރު ހެދި މިސްޓޭކު ވެރިކަމަށް ވަޑައިގެން ތަކުރާރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.