އެއްވެސް ވިޔަފާރިވެރިޔަކު ނުބުނޭ ޑޮލަރު މާރު ނުކުރާނަމެކޭ، ބުނަނީ 500 ޑޮލަރު މާރު ކުރެވޭކަށް ނެތޭ: މާރިޔާ

އެއްވެސް ވިޔަފާރިވެރިޔަކު ނުބުނޭ ޑޮލަރު މާރު ނުކުރާނަމެކޭ، ބުނަނީ 500 ޑޮލަރު މާރު ކުރެވޭކަށް ނެތޭ: މާރިޔާ

ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ރާއްޖޭގެ ބޭންކް މެދުވެރިކޮށް މާރު ކުރަން ލާޒިމްވާ ގޮތަށް މަރުކަޒީ ބޭންކުން ހަމަޖައްސާފައިވާ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހަންމަދު މުއިއްޒު ރޭ ދެއްކެވި ވާހަކަފުޅަށް، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

ސަރުކާރަށް 1 އަހަރު ފުރިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށާއި، ޖެހޭނީ ހަމަ 500 ޑޮލަރު މާރު ކުރައްވަން ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ، ޑޮލަރު މާރު ނުކުރައްވާނެ ކަމަށް މިހާތަނަށް އެއްވެސް ވިޔަފާރިވެރިޔަކު ވިދާޅުވެފައި ނެތް ކަމަށެވެ. ވިޔަފާރިވެރިން ބުނަމުންދާ ވާހަކައަކީ 500 ޑޮލަރު މާރު ކުރެވެން ނެތް ވާހަކަ ކަމަށެވެ.

"އަދި މިހާތަނަށް ބޮޑު ވިޔަފާރިވެރިއެއް ބުނާ އަޑެއް ނީވޭ ޑޮލަރު މާރު ނުކުރާނެ ވާހަކައެއް. ހައްތަހާވެސް ބުނާ އަޑު އިވެނީ 500 ޑޮލަރު މާރު ކުރެވޭކަށް ނެތޭ" މާރިޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ، "އައު ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން" ނޫޅުއްވުމަށެވެ.

"ރައްޔިތުން ރުއްސައިގެން ވެރިކަން ކުރަން ދަސްކުރައްވާ" މާރިޔާ ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުން މިދިޔަ މަހު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުންވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ލާޒިމްވާނެއެވެ. ކެޓަގަރީ "ބީ" ގައި ހިމެނެނީ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރުން ލާޒިމެވެ.

ނަމަވެސް ރާއްޖޭގެ ބޮޑެތި ބަޔެއް ވިޔަފާރިވެރިން ވަނީ 500 ޑޮލަރު މާރު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އަދި ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ޚަލީލް ފަދަ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *