އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ހަތިޔާރުއެޅި އިންޑިޔާ ސިފައިން ނުތިބޭނެ ކަމަށާއި، އޭރުވެސް އަދި މިހާރުވެސް ތިބީ އިންޑިޔާ މިލިޓަރީގެ ސިވިލް މީހުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުުގެ ވެރިކަމުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ކަމަށްބުނެ އޭރުގެ އިދިކޮޅު ފަރާތުގެ ގޮތުގައި އޮތް މިހާރުގެ ވެރިކަންކުރާ ޕާޓީ ޕީއެންސީން ކުރި ތުހުމަތުތަކާ ބެހޭގޮތުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަޥާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި އިންޑިޔާގެ ހަތިޔާރުއެޅި މިލިޓަރީ މީހުން ތިބި ކަމަށް އޭރު ދައްކަމުން އެގެންދިޔަ ވާހަކަތަަކީ އެއްވެސް ހަގީގަތެއް، އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.
"މިއަދު އެއޮތީ ހާމަވެެގެން ގޮސްފަ އެހެނެއް ނޫން، އިންޑިޔާގެ ޓެކްނިކަލް މީހުން އަބަދުވެސް ރާއްޖެގައި ތިބޭ، މިސާލަކަށް އައިޖީއެމްއެޗް، ހަދާ ނިމުމަށްފަހުގައި އެތަނުގައި ޚިދުމަތް ކުރަން އައީ މިލިޓަރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނިކަލް ބޭފުޅުން، އަޅުގަނޑު ހިތުން މިހާރުވެސް އެ މަސައްކަތްތައް އެބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ،" ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ފަހަރަކު މަރާމާތް ކުރުމަށް ކޯސްޓްގާޑު އިންޑިޔާށް ގެންގޮސް ގެންނަ އިރުވެސް އެއާއެކު އިންޑިޔާގެ ޓެކްނިކަލް މީހުންނާއި އިންޖިނިއަރުން އަންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިއްސުރެވެސް އެކަން ހިނގަމުން އަންނަ ގޮތް ކަަމަށްވެސް ވިދާޅުވިއެވެ.
އިންޑިޔާއިން ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިޔާ ފްލައިޓާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތް ތަކުން ދައްކަމުން ގެންދިޔަ ވާހަކަތައް ދޮގު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެނައި އެއްޗެއް ނޫން ކަަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއްނޫން ހެލިކޮޕްޓަރު ފުރަތަމަ ގެނައިއްޔަކީ، އެއީ ރައީސް މައުމޫނުގެ ދައުރުގައި ވާހަކަ ދެކެވިފަ އޮތް ކަމެއް، ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ރައިސް ނަޝީދުގެ ވެރިކަމުގައި، ދެވަނަ ހެލިކޮޕްޓަރު ރައީސް ޔާމީންގެ ވެރިކަމުގައި، އަދި ރައީސް ޔާމީން އެދިވަޑައިގަތީ އެއާ ވިންގް ފުޅާކުރަން އަދި ބޭނުމޭ ޑޯނިޔާއެއްވެސް. އަޅުގަނޑުމެންނާ ހިސާބަށް އައިއިރު އޮތީ އެ ޑޯނިޔާ ގެނައުމުގެ ހުރިހާ ވާހަކަ ތަކެއް ދެކެވި ގާތްގަނޑަކަށް އެއްބަސްވެފައި،" ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އުތުރު ތިލަފަޅާ ބެޙޭގޮތުންވެސް އޭރު ދެއްކީ ދޮގު ވާހަކަ ތަކެއްކަން މިހާރު ސާފުވާނެ ކަމަށެވެ.
"އުުތުރު ތިޅަފަޅު ހިއްކާ އެތާ މިލިޓްރީ ބޭހެއް ހަދަނިއްޔޭ، އެނގިވަޑައިގަންނަވާނެ ރޯހިތު ހޯދަންވެގެން އެދިޔަ ޓީމު. ތި ވިދާޅުވާ އިންޑިޔާ މީހުން އެތަނަކުން ނުފެނުނު، އަނެއްކާ މިއަދު އެޕްރޮޖެކްޓް ކުރިއަށް އެގެންދަނީ އޭރު އޮތް އެގްރީމެންޓްގެ ދަށުން، އެއްވެސް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނާދޭ، ބާރަށް އެއޮށް ކުރިއަށް ގެންދަނީ އެތަނަކު އިންޑިޔާ ސިފައިންނެއް ނެތް،" ސޯލިހު ވިދާޅުވިއެވެ.
އެއީ ދިވެހި ސިފައިންނަށް ވަރަށް މުހިއްމު ތަނެއްކަން ފާހަގަ ކުރައްވައި ސޯކިހު ވިދާޅުވީ، އެތަން ނިމުމުން ދިވެހި ސިފައިންނަށް ރަނަގޚު ވަސީލަތް ތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، އިނޑިޔާއަކީ ރާއްޖެއަށް އެންމެގާތް އެންމެ ދުވަސްވީ ރަހުމަތްތެރި ގައުމު ކަމަށެވެ.
"ބޮޑުކަމެއް އަޅުގަނޑުމެންނަށް ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ އަވަހަށް އެންމެ ރަނަގު އެހީ ތެރިކަން ފޯރުކޮށްދެެމުން އައީ އިންޑިޔާއިން ޒަމާނުއްސުރެން، ނޮވެމްބަރު ތިނެއްގެ ހާދިސާގައިވެސް ސަރުކާރުން ގޮވާލުމާއެކީގައި އެބޭފުޅުންގެ މިލިޓްރީ އެހީ ލިބިގެން ދިޔަ، އެއަށްފަހު އަޅުގަނޑުމެނަށް ފެނުގެ ކާރިސާ އާ ގުޅިގެންވެސް އެހީތެރިކަން ފޯރުކޮށްދީފަ އޮތީ އަދި ކޮވިޑްގެ ތެރޭގައިވެސް އަޅުގަނޑުމެނަށް ބޭރު ގައުމަކުން އެންމެ ބޮޑު އެހީއެއް އެއް ފައިސާގެ ގޮތުންވެސް ވެކްސިންގެ ގޮތުންވެސް އަދި ކާބޯތަކެތީގެ ގޮތުންވެސް ދިނީ އިންޑިޔާއިން، ދެން ޖަޕާން ވަަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުންދިޔަ. އެއާއެކީގައި ޗައިނާ، އެމެރިކާ ތަންތަނުން އެހީތެރިކަން ދެމުން ގެންދިޔަ،" ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއެކީ ރާއްޖެއިން އޮންނަގުޅުން އެގޮތުގައި ބާއްވަންޖެހޭ ކަމަށެވެ. އެއީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް އިންޑިޔާގެ ނުފޫޒު ފޯރުވާ ކަމަށް އޭރު ވާހަކަތައް ދެއްކި ނަމަވެސް ރާއްޖޭގެ އެއްވެސް ކަމަކަށް އެއްވެސް ގައުމަކުން ނުފޫޒު ފޯރުވާފައި ނުވާކަމަށެވެ.
"އެތެރޭގެ ދާޚީލީ އެއްވެސް ކަކަމާ އިންޑިޔާ އިންވެސް، އެހެެން ގައުމެއްގެ ސަރުކާރަކުންވެސް ބަސް ކިޔާފައެއް ނެތް، ނުވެސް ކިޔާނެ. އިންޑިޔާއަށްވެސް އެހެން ގައުމު ތަކަށްވެސް އެނގޭ ރާއްޖެއަކީ މިނިވަން ސިޔާދަތެއް، ގައުމެއްކަން،" ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިޒަމާނަކީ ގައުމުތައް އެއަށްވުރެ ހޭލުންތެރި ވެފައިވާ ޒަމާނެއް ކަމަށެވެ.