ރައްޔިތުންގެ މަޖިލިސް މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށާއި ތަހުޒީބު ގޮތަކީ ވެސް ރައްޔިތުންނަށް އެ ބާރު ލިބިދީފައިވުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"ޕީއެސްއެމް"އަށް މިއަދު ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ގައުމުގެ މުޅި އާބާދީން ވޯޓު ލައިގެން ހޮވާ ވެރިއެއް ކަމަށާއި އޭގެ ބަދަލުގައި މެންބަރަކު ހޮވަން ވޯޓު ދެނީ އެ ދާއިރާއެއްގެ 5،000 އެއްހާ މެންބަރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރެވޭ އެންމެ މަތީ ވެރިމީހާ ބަދަލުކުރުމުގެ ފުރުސަތު ފަހިވެފައި އޮވެފައި އޭގެ ދަށަށް އިންތިހާބުކުރެވޭ މީހުން ވަކިކުރެވޭ ގޮތް ނެތުމަކީ މި ޒަމާނާ ފައިހަމަވާ ކަމެއް ކަމަށް،" ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާނޫނުއަސާސީގައި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދީފައިވާކަން އޮންނަންޖެހޭނެ ކަމަށެވެ.