ފެންނަމުން މިދަނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަން: ރައީސް

ފެންނަމުން މިދަނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަން: ރައީސް

އިޒްރޭލުން، ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތް ކަން ހާމަވެގެންދާ  ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އެ ގައުމުގައި ބާއްވާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަމުން ރައީސް ވިދާޅުވީ އަނިޔާވެރި އިސްތިއުމާރާއި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން އަދަދު ނުކުރެވޭ މިންވަރަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

"ކޮންމެ މަރަކީ ބޮޑު ކާރިސާއެއް. އާއިލާތައް ރޫޅި ހިނގައްޖެ. ތުއްތު ކުދިން ޔަތީމުވެ އެކަނިވެރިވެއްޖެ. ވެއްޓޭ އިމާރާތްތަކުގެ ދަށުގައި އުއްމީދުތަކާއި ދެކެމުން އައި ހުވަފެންތައް ވަޅުލެވިއްޖެ. މުސްތަގުބަލް ލޯތަކުގެ ކުރިމަތީގައި ކަފުންވެއްޖެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިޒްރޭލުގެ ފަލަސްތީނަށާއި ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފާއިތުވި އަހަރެއްހާ ދުވަހު އެކަނިވެސް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެކަމަކު ބާރު ހުރި ފަރާތްތަކުން އަޅާ ނުލައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެ އަނިޔާވެރިކަން ކުށްވެރި ކުރާ އަޑުތައް ފަނޑުކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު އެ މަނިކުފާނު ވަނީ އިޒްރޭލަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތް ކަން މުޅި ދުނިޔެ އަށް ދައްކުވައިދީ ކަމަށް ވިދާޅުވެފަ އެވެ.

"އެ މީހުންގެ (އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ) ހިމޭންކަމާއި އަޅާ ނުލައި ތިބުމުގެ ސަބަބުން، އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރާއި އެޕާޓްހައިޑް ދެމިއޮތުމަށް މަގުފަހިވެގެންދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ ހަތިޔާރާއި އަނިޔާވެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށްފަހު ސުލްހައަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެ"

އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކުރާ މަސައްކަތް ފެއިލްވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ވީޓޯ ކުރުމުގެ ބާރުގެ ނާޖާއިޒު ބޭނުން ހިފައި، އިޒްރޭލަށް ހުއްޓުމެއް ނެތި ހަތިޔާރު ފޯރުކޮށްދީ، އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލިސް ވެސް ވާކޮށްލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، ހަތިޔާރާއި އަނިޔާވެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަހު ސުލްހަ އަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމައެކަނި ބަލައިގަތުމަކުން ނުފުދެ އެވެ.

"އެއްބައިވަންތަކަމަކީ ހަމައެކަނި ބުނެލާ ބަހަކުން ފުއްދާލެވޭކަށް ނެތް. މާލީ އަދި ސިޔާސީ ގޮތުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަޕޯޓު އިތުރަށް ފުޅާކުރަންޖެހޭ. އަމަލުން ކުރާ ކޮންމެ ކަމެއް، ކިތަންމެ ކުޑަޔަސް އަދި ބޮޑަސް، މުހިންމުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މުޅި އިސްލާމީ އުއްމަތް އެކުވެ، ތެދުވުމަށް ސައުދީ އަރަބިއްޔާ އިން އިސްނަގައި، މަގު ދައްކައިދިން ކަމަށްޓަކައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ސައުދީ ރަސްގެފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.

އަދި ސައުދީން މުޅި އިސްލާމީ އުއްމަތަށްޓަކައި ރޯކޮށްދިން އުއްމީދުގެ ހުޅުކޮޅުގެ އަލީގައި، އެކުވެ ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *