ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު ރާއްޖޭގައި އަށަގަންނަމުން ދާތަން ފެންނަމުން އެބަދާކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ތަހުނިޔާގެ މެސެޖާއެކު، ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚުދުމުޚްތާރު ވެރިކަމެއްގެ މަގަށް ރާއްޖެ ދިޔަނުދިނުމަށް މަސައްކަތް ކުރުމަކީ އެންމެންގެވެސް ވާޖިބެއް ކަމަށެވެ.
ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގަ. މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއްނެތި ބާރުތައް ލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާގައި، ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށް، "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ލިޔެފައި ވަނީވެސް ކުރިން ދިވެހިން ކޮށްފައިވާ ތަޖުރިބާގެ އަލީގައި ކަމަށެވެ.
"ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުން ދާތަން ފެންނަމުން ދާކަން. މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމީ ވާޖިބެއް" ޝާހިދުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.