އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އެ ގައުމުން އެއްބަސްވުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ މަނިކުފާނު އެ ސިޓީފުޅުގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަން ވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައި ވެސް ވެ އެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް އެތަކެއް އަހަރު ވަންދެން ދެކޮޅު ހެދުމަށްފަހު ފޯޅަވަހީގައި ހުންނަ މިލިޓަރީ ބޭސް އެތަނުގައި ހުންނަ ގޮތަށް، ޝަރުތުކޮށް، އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ މިލްކުވެރިކަން، މޮރިޝަސްއަށްދީފަ އެވެ.
އެ ރަށްތަކުގެ ތެރޭގައި، އެ ތަނުން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭއިރު މިތަނަކީ އެމެރިކާއަށް ދިގު މުއްދަތަށް ކުއްޔަށް ދީފައި އޮންނަ ޗާގޯސްގެ ވަކި އަތޮޅެކެވެ.
ރައީސް ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށްވާތީ އެހެން ގައުމަކަށް އެތަން ލިބުމަށް ވުރެ ރާއްޖެއަށް ލިބުން މާ އައުލާކަން ބޮޑު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފައިވެ ނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރާ ވާހަކަތައް ދެކެވުނީމަ އަޅުގަނޑުމެންގެ ތާރީހު ގުޅުން ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީވެ، ރަސްމީކޮށް ލިޔެކިޔުމުން ސިޓީން، ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވައިފައި" ރައީސް ވިދާޅުވި އެވެ.
"އެތަނަކީ އަޅުގަނޑުމެން ރަސްރަސްކަލުންގެ ފެންނާން ހުރި ލިޔެކިޔުމާ އެކުގައި އެހެން ގައުމަކަށް ވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު."