އެ މަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ އެ މަނިކުފާނުގެ ބައްޕާފުޅު ލިޔުއްވައިފައިވާ ފޮތުގައިވާ ކަންކަމަށް ތަބާވެ، "ރައްޔިތުންގެ ފަޅީގައި" ހުންނަވައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ ބައްޕާފުޅު މަރްހޫމު އައްޝައިޚް ހުސައިން އަބްދުއްރަހްމާން ލިޔުއްވި "ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ގެ އެކި ސަފްހާތަކުން އެކި ވާހަކަތައް ހިއްސާކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ބައްޕަ މި ފޮތް ލިޔުއްވީމައެއް ނޫން. އެހެންނަމަވެސް މި ފޮތް ބައްލަވައިފައިވާ، ކިޔުއްވައިފައިވާ ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވާނެ މި ފޮތަކީ ވެރިކަމާ ގުޅޭ ގޮތުން، ރައްޔިތުންނާ ވެރިންނާ އޮތް ގުޅުމާ ބެހޭ ގޮތުން މަސްއޫލިއްޔަތު ވެރިން އަދައިކުރަންޖެހޭ ގޮތާ ބެހޭގޮތުން، އިލްމީ ނަޒަރަކުން، ދީނީ ނަޒަރަކުން އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނާއި ގާނޫނު އަސާސީއަށް ރިއާޔަތްކޮށް ވަރަށް އިލްމީ ގޮތެއްގައި، ވަރަށް ވަށައިޖެހޭ ގޮތަށް ލިޔުއްވައިފައިވާ ފޮތެއް،" ރައީސް ވިދާޅުވި އެވެ.
ބައްޕާފުޅުގެ އެ ފޮތުގައި، ވެރިޔަކު ހޮވައި، އެ ވެރިއަކު ޒިންމާތައް ރަނގަޅަށް އަދައިކުރޭތޯ ޔަގީންކުރުމަށް ބަލަންވީ ހުރިހާ ކަމެއްގެ މައުލޫމާތު ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައްޕާފުޅުގެ ފޮތުގައި ވަނީ ވެރިކަން ކުރުމަކީ ލިބޭ މޮޅެއް ނޫން ކަމަށާއި ވެރިކަމަކީ ވެރިކަންކުރާ މީހެއްގެ މުދާގަނޑެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ ގޮތް. އެގޮތުގެ މަތީން މަސައްކަތް ކުރެވޭތޯ އަޅުގަނޑު މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް މި ކުރީ،" ރައީސް ވިދާޅުވި އެވެ.
މިވީ އެއް އަހަރު ތެރެއިގައި އެ މަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވެގެން ގިނަ ދުވަސްތަކެއް ވަންދެން އަތްނުލާ ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ. ވަރަށް ގިނަ ކަންތައްތަކެއް ފަސޭހައަކަށް ޓަކައި، ކޮމްފޯޓް ޒޯންގައި ތިބުމަށް ޓަކައި މިދިޔަ ޒަމާންތަކުގައި އަޅައިނުލެވި ހުރި ގިނަ ކަންތައްތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑުރަގްގެ މައްސަލަތަކާއި، ގޭންގު މާރާމާރީއާއި، ވޭޕު މަނާކުރުމާއި މެޑިކަލް މާފިއާއާއި ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރަން މަސައްކަތް ފެއްްޓެވީ އެއީ ރައްޔިތުން ބޭނުންވާ ކަންކަމަށްވާތީ ކަމަށެވެ.
އެއީ ބުރަބޮޑު މަސައްކަތްތަކެއް ކަމަށާއި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު އެ ކަންކަން ކުރިއަށް އޮތް މުއްދަތުގައި ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.