ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލެ ފޭސްޓޫ އާއި ގިރާވަރު ފަޅާއި، ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓް ތަކުގެ މައްސަލައިގައި މިހާރުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރުގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ނޮވެމްބަރު 3 ވަނަ ދުވަހު ސަރުކާރުން ބުނެފައިވާ ގޮތަށް ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ގޯއްޗާއި ފްލެޓް ދިނުމަކީ އެމަނިކުފާނަށްވެސް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"އެކަމަކު އަޅުގަނޑުގެ ސުވާލަކީ ކުރީގެ ސަރުކާރު ތަކުން ވިޔަސް، ހަމަ ބަރާބަރަށް ބަލާފައި އިއުލާނުކޮށްފަ، ހަމަ ޕޮއިންޓްދޭ އުސޫލުން ޕޮއިންޓްދީ ހުރިހާ ކަމެއްކޮށްފަ، ގޭގެ ރަޖިސްޓްރީ ނޫނީ ފްލެޓްގެ ރަޖިސްޓްރީ ލިބޭނެ ކަމަށް އެމީހުނަށް ލިޔުންދީފަ އެބަހުއްޓޭ އިނގޭތޯ. އެއީ ސަރުކާރަކާ ފްލެޓް ލިބުނު މީހުންނާ ދޭތެރޭގަ އޮތް އެގްރީމެންޓެކޭ އެއީ، އަހުދެކޭ އެއީ އިނގޭތޯ. ދެން އެހެން ސަރުކާރެއް އައިސް އެ ބަލަނީ. މިކަމުގެ ނަމުގައި ހައިދަރު މިކުރަނީ ކީއްހެއްޔޭ؟ އެހެނެއް ނުހެދޭނޭ" ޔުާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ސަރުކާރަކާއެކު އޮންނަ އެގްރީމެންޓަކީ ބައިންޑިންގ އެގްރީމެންޓެެއް ކަމަށާއި، ފްލެޓާއި ގޯތި ދީފައިހުރި ގޮތާމެދު މައްސަލަތަކެއް ހުރެގެން އެ ލިސްޓް ބާތިލު ކުރަން އޭސީސީންވެސް މިހާތަނަށް ބުނެފައި ނެތް ކަމަަށެވެ.
"ބުނަންޏާ އޭސީސީން ނުކުމެ ރައްޔިތުންނަށް ކިޔައިދީ އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މި މައްސަލައަކީ ހައުސިންގ މިނިސްޓަރު ހައިދަރުގެ މައްޗަސް ދައުވާ ކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
"މީ ހައިދަރުގެ މައްޗަށް ތަހުގީގު ކުރަންޖެހޭ މައްސަލައެއް އިނގޭތޯ. އެއީ ސަރުކާރަކުން ދީފަހުރި ލިޔުންތައް އެހުރީ އެމީހުން އަތުގައި އިނގޭތޯ. ދެން ކީކޭކިޔައިގެންތޯ އެ ހިފަހައްޓަނީ. ނުހިފެއްޓޭނެ. ދެން އަނެއްކާ މިހާރު މިދައްކަނީ އެހެން ވާހަކައެއް. އަޅުގަނޑަކަށް ނޭނގޭ މީ ކޮންކަހަލަ އިހުސާސެއް ހުރެގެންކަމެއް އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.