ރާއްޖެއިން، ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދެގައުމުގެ މެދުގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުއާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕަރޮފެސާ ޑރ. އިމާރ ބޮލަޓް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު، ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރި، އިންވެސްޓްމަންޓް، އިއާދަކުރުނިވި ހަކަތަ އަދި މަތީ ތައުލީމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާ ތުރުކީވިލާތާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރެވޭނެ ކަމަށް ވުޒާރާ އިން ވިދާޅުވިއެވެ.
ދެ ގައުމުގެ މެދުގައި މިއަދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތް އިތުރު ކުރުމާއި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
އަދި ދެގައުމުގެ މެދުގައި އިގްތިސޯދީ ގޮތުން ގާތް ގުޅުމެއް މިހާރު ގާއިމްކުރެވިފައިވާ ކަމަށާއި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާކުރެވި ކުރިއަށް އޮތް ތަނުގައި ވިޔަފާރި އަދި އިގްތިސޯދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.