މި ސަރުކާރުން އާސަންދައަށް ގެންނަމުންދާ ބަދަލުތަކާއެކު، ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު "އާސަންދަ" ނިޒާމުން ބާކީ ކޮށްފި ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް, ދިވެހި އައިޑީ ކާޑު ދައްކާލުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ޞިއްޙީ ނިޒާމަކީ އެމްޑީޕީ އިން މިރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ.
ޝާހިދު ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ، އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ޙައްޤަކަށް ވާތީ ކަމަށެވެ.
"އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް, މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ޙަޤީގީ އަމާޒަކީ, ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން މި އަސާސީ ޙައްޤުން މަޙްރޫމު ކުރުން. ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ޘަޤާފަތް އިއާދަ ކޮށް، މުޅި ޞިއްޙީ ނިޒާމު ސިޔާސީ ކޮށްލުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ސިއްޙީ ނިޒާމު ސިޔާސީ ނުކުރަން ސަރުކާރަށް ގޮވާލައްވާފައެވެ.
"ބޭސްފަރުވާގެ އަސާސީ ޙައްޤުން ދިވެހި ރައްޔިތުން މަޙްރޫމު ނުކުރުމަށް ހަރު އަޑުން މި ސަރުކާރަށް ގޮވާލަން. ސިއްޙީ ނިޒާމު ސިޔާސީ ކުރުން ހުއްޓާލާ" ޝާހިދު ވިދާޅުވިއެވެ.