ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހުގެ ބަހުގެ ހަމަލާތައް ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ޕީއެންސީގެ ޖަލްސާތަކުގައި މެމްބަރު ފަލާހުގެ ފާޑުކިޔުންތައް ޔާމީންގެ މައްޗަށް "ހެސްކިޔާފައި" އޮއްސަމުންދާއިރު، ޕީއެންއެފްގެ ޖަލްސާތަކުގައި ޔާމީންވެސް ދޭތެރެއަކުން ފަލާހަށް މަލާމަތް ކުރައްވަމުން ގެންދަވައެވެ.
ފަލާހުގެ ވާހަކަތަކުގައި އާންމުގޮތެއްގައި ޔާމީންގެ މައްޗަށް ތުހުމަތު ކުރައްވަނީ ވައްކަމެވެ. ފައިސާއާއި ގުޅުވައިގެންނެވެ. ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރެއްވި ކަމަށެވެ. މި ވާހަކަތައް ތަންކޮޅެއް ފުނަށްވެސް ފަލާހު ގެންދަވައެވެ. އެގޮތުން ޔާމީންގެ އަނބިކނބަލުންނާވެސް އެ ވާހަކަ ގުޅުވާލައްވައެވެ.
އެއާއި ވިދިގެން ޔާމީންވެސް އެ ޕާޓީގެ ބައްދަލުވުންތަކުގައި ދޭތެރެއަށް ބައްލަވާފައި ފަލާހަށް ނިސްބަތް ކުރައްވައި މަލާމާތް ކުރެއްވުން އޮވެއެވެ. އެގޮތުން ފަލާހު އެންމެ ފަހުން މަޖިލީހުގައި ދުންފަތާއި ގުޅޭ ބިލު ހުށަހެޅުއްވިގޮތުންވެސް ޔާމީން ފާޑު ވިދާޅުވިއެވެ. އަދި ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނަވާ ބޭފުޅެއްގެ ފެންވަރާމެދު ސުވާލު އުފެއްދެވިއެވެ. ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހުގެ ތައުލީމީ ފެންވަރާމެދު ފާޑު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ.
ފަހަކަށް އައިސް ފަލާހަށް ނިސްބަތް ކުރައްވައި ޔާމީން ވިދާޅުވާ ނަމެއް އޮވެއެވެ. އެއީ "ވަޅު ދިޔަހިއްކާ ކުއްޖާ" އެވެ.
ބެލެވޭގޮތުގައި ފަލާހަކީ "ވަޅު ދިޔަހިއްކާ ކުއްޖާ" ކަމަށް ޔާމީން އެ ވިދާޅުވަނީ، އެމަނިކުފާނުގެ ވެރިކަމުގައި މުލީއާގެއަށް މެމްބަރުން ގެންދަވައި، ޔާމީންގެ އަނބިކަނބަލުން ވިދާޅުވެގެން މުލީއާގޭ ވަޅު ދިޔަހިއްކަން ޖައްސާފައިވާ ކަމަށް ފަލާހު ވިދާޅުވި ވިދާޅުވުމަކާ ގުޅުވައިގެންނެވެ.