މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކައުންސިލް ތަކަށްލިބޭ އާމްދަނީ އިތުރު ކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމަވާފައިވާކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ފޮނުއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ ޢަމަލާ ބަހާ ދިމާކުރަމުންކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.