އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
އެ ދެކޮމިޝަނުގެ އެންމެ އިސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ހެދުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވާފައެވެ.
އެކަމާގުޅިގެން ޝާހިދު ދާދިދެންމެއަކު ސޯޝަލްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން، ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 2008 ގައި އަމަލު ކުރަންފެށި ޤާނޫނުއަސާސީ އިން ދިވެހިންނަށް ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާނެ އިސްލާޙެއް ކަމަށެވެ. އަދި އެއީ ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދްމުޚްތާރު ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށް މި ސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް ކަމަށެވެ.
"މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ" ޝާހިދު ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ މި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން" ޝާހިދުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވިއެވެ.
ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ހެދުމަށްޓަކައި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު، ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މި ބިލު ހުށަހެޅުއްވި ސަބަބުތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަން ތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަން ތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަން ތަކުގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަން ކުރުުގައި، އަމަލު ކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުން ކަމަށެވެ.