ސަޕްލިމެންޓްރީ ބަޖެޓް ނިންމަން 1 ދުވަސް

ސަޕްލިމެންޓްރީ ބަޖެޓް ނިންމަން 1 ދުވަސް

މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް 1 ދުވަސް ތެރޭގައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްވިއެވެ.
މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާޒަމީރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީޙުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަޕލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން، އެކަމާގުޅިގެން ކަންތައް ކުރިއަށްގެންދަން ޖެހޭގޮތް މަޖިލިސް ގަވާއިދުގަިއ ނެތް ކަމަށެވެ. އެހެންކަމުން ބަޖެޓްގެ ކަންތައް ކުރިއަށް ގެންދިއުމާބެހޭ އުސޫލެއް ކަނޑައެޅުމުގެ ހުށަހެޅުންތަކަށް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ ފުރުސަތުގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު ހުށަހެޅުއްވީ މިއަދު 1:30 ގައި ބަޖެޓް ބަހުސް މަޖިލީހުގައި ފެށުމަށެވެ. އަދި އިބްތިދާއީ ބަހުސްގައި ކޮންމެ މެންބަރަކަށް ފަސް މިނިޓްގެ ފުރުސަތެއް ދެއްވުމަށްފަހު، ބަހުސް ނިމުމާއެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.
އަދި އެއދުވަހުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށްމަޖިލިސް ތަޅުމަށް ފޮނުވުމުން ބަޖެޓް ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށް ދެ މިނިޓްގެފުރުސަތެއް ދިނުމަށްފަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށެވެ.
ފަލާހުގެ އެ ހުަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.
ފަލާހުގެ ހުށަހެޅުން ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އެހެންކަމުން 1:30 ފެށިގެން މަޖިލީހުގަިއ ވަނި ބަޖެޓް ބަހުސް ފަށައިފައެވެ
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ވަނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *