އދ.ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓަރޭޒްއާ އާއި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --/ފޮޓޯ: އަބްދުﷲ ޝާހިދު
އދ.ގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓަރޭޒްއާ އާއި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --/ފޮޓޯ: އަބްދުﷲ ޝާހިދު

އދ.ގެ ދުވަސް: ދުނިޔޭގައި ހިނގަމުންދާ ކަންކަމަކަށް ހައްލު ހޯދޭނީ މަޝްވަރާގެ ރީތި އުސޫލުން: އދ.ގެ ކުރީގެ ރައީސް

އދ.ގެ ދުވަސް: ދުނިޔޭގައި ހިނގަމުންދާ ކަންކަމަކަށް ހައްލު ހޯދޭނީ މަޝްވަރާގެ ރީތި އުސޫލުން: އދ.ގެ ކުރީގެ ރައީސް

ދުނިޔޭގައި މިހާރު ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކާއި މައްސަލަތަކަށް ހައްލު ހޯދޭނީ މަޝްވަރާގެ ރީތި އުސޫލުން ކަމަށް އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، އދ.ގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. އދ.ގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހެވެ.

ޝާހިދުގެ މެސެޖުގައި ވިދާޅުވީ މީގެ 70 އަހަރު ކުރިން މުޅި އިންސާނިއްޔަތު އެކީ އެކައްޗަކަށް ތެދުވެ އިންސާނީ ކަރާމާތްތަކާ ދެކޮޅަށް ހިނގަމުންއައި ކަންކަން ހުއްޓުވުމުގައި އުންމީދުގައި މަސައްކަތް ކުރަން ފެށި ކަމަށެވެ. އެ އުންމީދުގެ ނަތީޖާއަކީ އދ. އުފެދި، ކޯޅުންތަކާއި ހަމަނުޖެހުންތައް މަޝްވަރާގެ އުސޫލުން ހައްލު ކުރާނެ ފޯރަމެއް ގޮތުގައި އދ. ވެެގެން ދިޔުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނާ ދިމާވެފައިވާ ގޮންޖެހުންތައް ކަމަށްވާ، ތިމާވެށީގެ މައްސަލަތައް، ހައިހޫނުކަން، ގަތުލުއާންމުތަކަށް ހައްލު ގެނެނެވޭނީ މަޝްވަރާގެ ތެރެއިން. އދ.ގެ ހަމަތަކުގެ މަތިން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ބައިނަލްއަޤުވާމީ ނިޒާމަށް އެއްބާރުލުންދޭ، އެ ނިޒާމަށް ތާއިދުކުރާ ގައުމެއް ކަމަށެވެ. ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު، އެންމެ ފުރަތަމަ ނިންމި ބައިނަލްއަގުވާމީ ނިންމުމަކީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި އެ ޖަމިއްޔާއާ ގުޅުން ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަ އަދި ބޮޑު ދައުލަތް ތަކަށްވެސް ބައިނަލްއަގުވާމީ ހަމަޖެހުމާއި ތަރައްގީ ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ދެކިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ހިމެނޭ ގޮތަށް އދ. އާ ގާތް ގުޅުމެއް ބޭއްވުމުގެ ޝަރަފު ލިބިފައި. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ މީގެ 70 އަހަރުކުރިން އަޅުގަނޑުމެން ކުރި އުންމީދުތައް ދަމަހައްޓައިދެވޭނީ އދ.އަށްކަން ދުނިޔޭގެ ސަރުކާރު ތަކުން ގަބޫލުކުރާ ކަމަށް" ޝާހިދު ވިދާޅުވި އެވެ.

އދ.ގެ ލީޑަރޝިޕް ރާއްޖެއިން އަދާކޮށްފައިވާއިރު، އދ.ގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހިދެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބު ވެވަޑައިގެންފައިވަނީ 2021 ޖޫން 7 ގައެވެ. މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ. ޝާހިދުގެ ދައުރު އދ.ގައި ހަމަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން އދ.ގެ އެންމެ މަތީ މަގާމު ހޯދައި، ދުނިޔޭގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރައްވާފަ އެވެ. އަދި ތަރައްގީގެ ގޮތުން ފަހަތުގައިވާ ގައުމު ތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއްވެސް ކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ އިންސާނީ އެހީގެ ޕްރޮގްރާމްތައް ފުޅާ ކުރެއްވުމާއި ޒުވާނުންނަށް ފުރުޞަތުތައް ފަހިކުރެއްވުންވެސް ހިމެނެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ ހަރުދަނާ ޑިޕްލޮމެސީއާއި ގައުމުތަކުގެ ލީޑަރުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އުފެދިފައިވާ އިތުބާރުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *