މަސްތުވާތަކެތީގެ އާ ބާވަތަށް ބޭނުންކުރާ ކުދިން ނަފުސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭ: އެންޑީއޭ

މަސްތުވާތަކެތީގެ އާ ބާވަތަށް ބޭނުންކުރާ ކުދިން ނަފުސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭ: އެންޑީއޭ

މަސްތުވާތަކެތީގެ އާ ބާވަތްތައް ބޭނުން ކުރަމުންދާ ކުދިން ނަފުސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ން ބުނެފި އެވެ.

އިސްކަންދަރުކޮށީގައި މިރޭ ފުލުހުންނާއި އެންޑީއޭ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުން އުޅެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސިންތެޓިކް ޑްރަގްސް ބޭނުންކުރާ މީހުންނާއި ކުދިން ނަފުސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ މަސްތުވާތަކެތި ބޭނުން ކުރުމުން އެ އަންނަ ނަފުސާނީ ބަލިމަޑުކަމެއް، އެކަންކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ، ހާއްސަކޮށް އެއީ އަޅުގަނޑުމެންގެ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" ރާޝިދު ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ޑްރަގް ރިހިބިލިޓޭޝަން 10 ސެންޓަރެއްގައި 1500 އަށްވުރެ ގިނަ މީހުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ނިޒާމު ރާއްޖޭގައި ބައްޓަން ކުރެވިފައި އޮތީ މަސްތުން ސާފުކޮށް މީހުން އަނބުރާ މުޖުތަމައުއަށް ނެރެދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ކުރިމަތިވާ ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް އެ ގޮންޖެހުންތަކާ އެކު ވެސް ބޭރުގެ އެހީއާއި އެހެނިހެން ފަރާތްތަކުގެ އެހީ އާއެކު މިހާރު ވެސް ދެވޭ ފަރުވާއިން ކާމިޔާބު ނަތީޖާ ނުކުންނާނެ ކަމާމެދު އޮންނަ ޔަގީންކަން ވަރަށް ބޮޑު ކަމަށް ރާޝިދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *