މިދިޔަ މަހުގެ 10 ގައި މާލޭގެ އިމާރާތަކުން ފުއްމާލުމުގެ ސަބަބުން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހީމްއާ ގުޅޭ ބައެއް ޒާތީ މައުލޫމާތު ހާމަކޮށްފައިވަނީ އޭނާގެ މަންމައާއި ބައްޕަގެ ހުއްދައާއެކު ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ޗެނަލް 13 އިން ވަނީ ވިފާގުގެ މަރުގެ މައްސަލައިގައި ޑޮކިއުމެންޓްރީއެއް ގެނެސްދީފަ އެވެ. އެ ޑޮކިއުމެންޓްރީގައި ވަނީ ވިފާގުގެ މަންމަ އަދި ވިފާގުގެ ދޮންބައްޕަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން ނާޒިމަށް ކުރެއްވި ތުހުމަތުގެ ތެރޭގައި ވިފާގަށް ޖިންސީ ގޯނާކުރުން ހިމެނެ އެވެ.
އެ ޑޮކިއުމެންޓްރީގައި އެފަދަ ތުހުމަތެއް ނާޒިމަށް ކޮށްފައިވާތީ އެކަން ސާފުކޮށް ދިނުމުގެ ގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.
ވިފާގުގެ ހަށިގަނޑު ޗެކްކުރިއިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައިނުވާ މީހެއްކަން އެނގިފައިވާ ކަމަށް ޝިފާއު ވިދާޅުވެފައިވެ އެވެ. އެހެންކަމުން އޭނާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ޝިފާއު ވިދާޅުވެފައިވެ އެވެ.
”ވިފާގް ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ،“ ޝިފާއު ވިދާޅުވެފައިވެ އެވެ.
”އޭގެ ހިސްޓްރީއާއި މިކަންތައްތަކުގަ ވެސް. އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،“
ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވުމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނީ
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުގެ މަރުގެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ދީފައިވަނީ މީޑިއާއަކުން އެ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއިމެދުގައާއި ވިފާގުގެ ފަރާތުން އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހަގީގަތާއިހިލާފު ވާހަކަތަކެއް ގެނެސްދީފައިވާތީ ކަމަށެވެ.
"އަދި އެ މައުލޫމާތު މި ހިދުމަތުގެ ފަރާތުން ދީފައިވަނީ ނިޔާވި ކުއްޖާގެ މަންމައާއި ބައްޕަ ހިމެނޭގޮތަށް އެ ކުއްޖާގެ އާއިލާއަށް ވެސް އެކަން އެނގިގެން ކަމުގައި ދަންނަމަވެވެ. ހަމައެއާއެކު، އެ މީޑިއާ ބްރީފިން ކުރިޔަށް ގެންދިޔުމުގައި ބައެއް ސެންސެޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން މި ހިދުމަތުގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބިފައިން ނިހާޔަތަށް މާފަށް އެދެމެވެ." ފުލުހުން ބުންޏެވެ.