މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ އިސް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާއި ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ އޭރުގެ ނާއިބު ނާއިފު ޝައުކަތު (ހ. އަގޮސްޓާ، މާލެ) އަދި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ވަހީދު (ދަފްތަރު 12537، މާލެ)ގެ މައްޗަށް ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ގައި ކަމަށް އޭސީސީން ބުންޏެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާއި ހިލާފަށް، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮން، އެ އުސޫލު އިސްލާހުކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ހޯދާފައިވާ ހެކިތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ..
"ޖުމްލަކޮށް، ހަސަން ވަހިދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ އަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަށް ހޯދި ހެކިގާރީނާއިން އެނގެއެވެ" އޭސީސީން ބުންޏެވެ.