ގއ. ކޫއްޑޫއަށް މޯލްޑިވިއަނުން ކުރަމުންދާ ދަތުރުތައް ހުއްޓާލީ ދިގު މުއްދަތެއްގައި އެ އާޕޯޓު މެއިންޓެއިން ނުކުރެވުމުގެ ސަބަބުން ކަމަށާއި، ވަރަށް އަވަހަށް އެ ތަން މަރާމާތުކޮށް އާންމު ހާލަތަށް ގެންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
އެހެންވެ މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވިއަނުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓެއް ހަލާކުވެ މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ. ދަތުރުތައް ހުއްޓާލީ އެ ހާލަތުގައި ދަތުރުކުރާ ނަމަ ބޯޓާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.
"ކޫއްޑޫގައި ވަރަށް ދުވަސްވެއްޖެ، ވެރިފަރާތާ ވެސް މިކަމުގައި ވާހަކަ ދައްކާތާ. ރަންވޭ އާއި އޭޕްރަން ހަލާކުވެފައިވާތީ. އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނީ،" މޯލްޑިވިއަނުން ބުނެފައިވެ އެވެ.
ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ އެ މައްސަލަތައް ހައްލު ކުރިހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.