ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 ވަނަ އަހަރަކީ އެމްޑީޕީގެ އާ ވިލުމަކަށް ހަދަންޖެހޭ: ޝާހިދު

ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 ވަނަ އަހަރަކީ އެމްޑީޕީގެ އާ ވިލުމަކަށް ހަދަންޖެހޭ: ޝާހިދު

މި ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް އަތުލަމުން ކަމަށާއި ލާމަރުކަޒީ ނިޒާމު އަލުން އިއާދަ ކުރުމަށް 2026 ވަނަ އަހަރަކީ އެމްޑީޕީގެ އާވިލުވަށް ހަދަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން، ކުޅުދުއްފުށީގައި މިހާރު ފަށައިފައިވާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އެ ޕާޓީއެއްގެ "ބަނޑުން ވިހޭ" ޕާޓީ ކަމަށާއި އެމްޑީޕީއާ ލާމަރުކަޒީ ނިޒާމު އޮތީ ގުޅިލާމެހިފައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރުއްސުރެ މަސައްކަތް ފަށަންވީ 2026 ގައި އާ އަލިވިލުމަކަށް، 2026 ގައި އެމްޑީޕީން މުޅި ރާއްޖެ އަލުން އަޅުގަނޑުމެންގެ މި ލާމަރުކަޒީ ނިޒާމަށް ބަދަލުކޮށްލެވޭ ވަރުގެ ކައުންސިލަރުން ތަކެއް ގެނައުމަށް، މުޅި ރާއްޖޭގައި ގެންނަންވީ. 2026 އެއީ އަޅުގަނޑުމެންގެ އާ އަލިވިލުން ކަމުގައި އަޅުގަނޑުމެން ހަދަންވީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުޅިރާއްޖެ ބަދަލު ކޮށްލެވޭނެ ފެންވަރުގެ ކައުންސިލަރުން އެމްޑީޕީއަށް އުފެއްދޭނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮތީ އެމްޑީޕީން ތާއީދުކުރާ ލާމަރުކަޒީ ފިކުރާއި ސަރުކާރުން ތާއީދުކުރާ ބާރުތައް ޖަމާކުރުމުގެ ފިކުރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލަން ސަރުކާރުން ކުރާ މަސައްކަތާއި ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ތަރައްގީގެ އެތައް މަޝްރޫއެއް ފަށައި ނިންމިކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ނުނިމި ހުރި މަޝްރޫތައް މި ސަރުކާރުން އައިސް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ. މި ސަރުކާރުގެ ވިސްނުމަކީ ރަށު ބަންދުގައި ރައްޔިތުން ބައިތިއްބައި، އެ ރަށްރަށުގައި ތިބި ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ދޮރުތައްވެސް ބަންދު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *