ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެ އާއި އިންޑިއާއިން އެކުގައި މަސައްކަތް ކުރުން މުހިންމު: ރައީސް

ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެ އާއި އިންޑިއާއިން އެކުގައި މަސައްކަތް ކުރުން މުހިންމު: ރައީސް

ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތް ކުރުން މުހިންމު ކަމުގައި  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރު ކުރައްވަމުންނެވެ. މި ފޯރަމް ކުރިއަށް ގެންދިޔައީ، އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

އެ ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުން ކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ޚިދުމަތްތައް ތަޢާރަފު ކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާޙުކޮށްގެން، ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައި އާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކް ކުންފުނިތަކާއި، ތަޢުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ޘަޤާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިޤްތިޞާދީ ގުޅުންތައް ޤާއިމުކުރެވިފައިވާ ދެ ޤައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު އެރުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *