ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރު އައިފަހުން، ސަރުކާރުގެ ޕޮލިސީތައް ޚުދު ސަރުކާރަށްވެސް މިހާރު ސާފުނުވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ޕޮރިން ޕޮލިސީ ކަނޑައަޅާއިރުވެސް ރައްޔިތުން ބޭނުންނުވާ އެތައްކަމެއް ކުރަމުން އެބަގެންދާ ކަމަށެވެ. މާރިޔާ ވިދާޅުވީ މި ސަރުކާރުގައި އިސްކުރަނީ ރައްޔިތުންގެ ވިސްނުމަށްވުރެ އަމިއްލަ ވިސްނުން ކަމަށެވެ. އެގޮތުން ދާދިފަހުން ރައީސް، އދ. އަށް ވަޑައިގެން ދެއްކެވި ބަޔެއް ވާހަކަފުޅަށް މާރިޔާ އިޝާރާތް ކުރެއްވިއެވެ.
"ހުރިހާ ރަށެއް ތަރައްޤީ ނުކުރައްވާނެ ކަމަށް ވިދާޅުވީމަ އެއީ އާއްމުން ކިހާ ނުރުހޭނެ ކަމެއްކަން ރައީސަށް އެނގެންވާނެ. ރައްޔިތުންނަށް ލިބެންވާ ކަންކަން ކުރެވޭނެ. ކުރެވެންވާނެ. ޕްރޮޖެކްޓްތައް ހިނގަންވާނެ. ކަންކަން ކުރަމުން ނުދާ ތަނުގައި އެކަން ނުވާނެ ކަަމަށް ވިދާޅުވުމަކީ އެއީ ވަރަށް ބޮޑަށް ރައްޔިތުންނަށް އުނދަނގޫވާނެ ކަމެއް" މާރިޔާ ވިދާޅުވިއެވެ.\
އެމްޑީޕީގެ އިސްސަފުގައި އަބަދުވެސް އުޅުއްވާ މާރިޔާ ވިދާޅުވީ ސަރުކާރަށް ދިހަ މަސްވެގެން ދިޔައިރު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެތައް ބަޔަކު އާސަންދަ ހަމަނުޖެހިގެން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިފައި ތިބިކަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ސަރުކާރުން ދަނީ ރައްޔިތުންގެ ވިސްނުމާ ދުރަށް ކަމަށެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ އދ. އަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އިޒްރޭލުގެ އުފެއްދުމެއް ކަމަށްވާ "ކޮސްޓާ ކޮފީ" ރައީސް ހިއްޕެވުމަކީވެސް ދިވެހިންގެ ވިސްނުމާ ދުރަށް ސަރުކާރުގެ މިސްރާބު ދިޔަކަމުގެ މިސާލެއް ކަމަށެވެ.