އަންނަ އާދީއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ރައީސްގެ އެ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށް ހީނާ ވިދާޅުވި އެވެ.
އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އާއްމުގޮތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސުން އެންމެ ފުރަތަމަ ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާއަށެވެ. އެއާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.
އޭގެ ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެކި ފަހަރުމަތިން އިންޑިއާއަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މިފަހުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން، އެ މަގާމުން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.
އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން، އިންޑިއާއިން ވަނީ ދެ ލޯނެއް ވެސް ފަސްކޮށްދީފައެވެ.