އޮސްޓްރޭލިއާ، ކެނެޑާ، ސޭޝަލްސް، ކުވޭތް އަދި މޮރޮކޯއިން، ޔުނައިޓެޑް ނޭޝަންސް، އދ. އަށް ކަނޑައަޅުއްވާފައިވާ އެ ގައުމު ތަކުގެ ސަފީރުންނާ، އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރައީސް ކަމުގައިވެސް މިވަގުތު ހުންނެވި، ޝާހިދު މިއަދު ވަނީ އެމެރިކާގެ، ނިއުޔޯކުގައި ހުންނަ އދ،ގެ މައި އޮފީހަށް ޒިޔާރަތް ކުރައްވާފައެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީވެސް އދ.ގެ މައި އޮފީހުގައެވެ.
"ބައިނަލްއަގުވާމީ މުޖުތަމައާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބުމަކީ އުފަލެއް. ޑިޕްލޮމެސީއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އަމާން ކަމަށާއި ރައްކާތެރި ކަމަށް އަދި އެއްބާރުލުމަށް މުހިންމު ކަމެއް' ޝާހިދު ވިދާޅުވިއެވެ.
އދ. މައި އޮފީހަށް ކުރެއްވި ޒިޔާރަތުގައި ޝާހިދު ވަނީ އދ.ގެ އާންމު މަޖިލީހުގެ ޑެޕިއުޓީ ޖެނެރަލް އަމީނާ މުހައްމަދާވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ އެކި ދާއިރާ ތަކުން ޑިޕްލޮމެސީ ކުރިއެރުވުމަށާއި ހުރިހާ މީހުންގެ އަޑުތައް އަހައި އެ މީހުންގެ ޚިޔާލު ހޯދައިގެން ބައިނަލްއަގުވާމީ ކަންކަމަށް ހައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން، އދ. ކަނޑައަޅުއްވާފައިވާ ސަފީރު، ޖޭމްސް ލާސެން، ކެނެޑާއިން، އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ބޮބް ރައީ، ސޭޝަލްސްއިން އދ.އަށް ކަނޑައަޅުއްވާފައިވާ ސަފީރު ލެން މެޑަލައިން، ކުވޭތުން، އދ.އަށް ކަނޑައަޅުއްވާފައިވާ ސަފީރު ތާރިގް އަލްބަނާއި އަދި މޮރޮކޯއިން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮމަރް ހިލާލީއާ ބައްދަލުކުރައްވައި އެކި ދާއިރާ ތަކުން ޑިޕްލޮމެސީ ކުރިއެރުވުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ޝާހިދު ފާހަގަވެފައިވަނީ ދުނިޔޭގެ ލީޑަރުންނާ ގުޅުން ރަނގަޅު އަދި ރަހުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ބައިނަލްއަގުވާނީ ނިޒާމީ ކުރިއެރުވުމަށް ޝާހިދު ކުރައްވާ މަސައްކަތް ގިނަ ގައުމުތަކުގެ ލީޑަރުން ބަލައިގަނެ ތައުރީފު ކުރައްވައެވެ.