ސިޔާސީ ޕާޓީތަކުން ވަކިވުމަށް ދެން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް: އީސީ

ސިޔާސީ ޕާޓީތަކުން ވަކިވުމަށް ދެން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް: އީސީ

އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއަކުން ވަކިވުމަށް މާދަމާއިން ފެށިގެން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އެމިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ވަނީ މާދަމާ އިން ފެށިގެން އެ ކޮމިޝަނުން ބަލަހަައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކި ވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އީސީން އިސްލާހް ގެނެއީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ 14 ދުވަސް ތެރޭގައި ޕާޓީން އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެ ކަމަށެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށް ބުނެފައި ވެ އެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން އުނިކޮށްދޭން ވެސް ވާނެ ކަމަށް ބުނެފައި ވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *