ކޮލިޓީ ދަށްވުމުގެ ސަބަބުން އިންޑިޔާގައި ބޭނުން ކުރުން މަނާކުރި ބޭސް ތަކުގެ ލިސްޓުގައިވާ އެއްވެސް ބޭހެއް ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އިންޑިޔާގައި ބޭހުގެ ފެންވަރު ބަލާ އިދާރާ ކަމަށްވާ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޮގަނައިޒޭޝަން (ސީޑީއެސްސީއޯ)އިން ވަނީ އެ ގައުމުގެ އެކި ކުންފުނިތަކުން އުފައްދައި ވިއްކަމުން ދާ 48 ބޭހެއްގެ ކޮލިޓީ ދަށްވެގެން އެކަން މި ހަފްތާ އިއުލާން ކޮށްފައެވެ.
އޭގެތެރެއިން ބައެއް ބޭސްތައް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ ބައެއް ފަރާތް ތަކުން އެމްއެފްޑީއޭއަށް ޝަކުވާ ހުށަހަޅާފައިވެސްއެވެ. އެކަމާއި ގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ މާކެޓުގައި އަދި ރާއްޖެއަށް އެތެރެއަށް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބަލަން ގިނަ މަސައްކަތް ތަކެއްކޮށް، މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ. ނަމަވެސް، ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބެޗެއްގައި، އެ ބޭސް އިމްޕޯޓު ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓު ކޮށްފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެކަމަކު، އިންޑިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވުމާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިޔާއިން ބޭސް އެތެރެ ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.
"ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓު ތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." އެލާޓުގައި ވެއެވެ.