އިޒްރޭލު ސިފައިން ދެކުނު ލުބުނާނަށް އެއްގަމު މަގުން ވަދެގެންފިއެވެ. މިއީ އިޒްރޭލުގެ ދިފާއީ ބާރު، އައިޑީއެފްއިން ކޮންޓްރޯލް ކޮށްފައި އޮތް ފައުޖެކެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނާ ގޮތުން މެދުއިރުމަތީގައި އިޒްރޭލަށް ކުރިމަތިވެދާނެ ކޮންމެ ކަމަކަށް އެމެރިކާ އެހީތެރިވެ އެއްބާރުލުން ދޭނެއެވެ. އަދި އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމަށް އެމެރިކާ ތާއީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލު ސިފައިން ބާރުގަދަ ހަތިޔާރު ބޭނުން ކުރަން ފަށާނީ ހިޒްބުﷲގެ ހަނގުރާމަވެރިން ގަދަ ދައްކާ ނަމައެވެ. އަދި ހަނގުރާމަވެރިންގެ ފަރާތުން ބޮޑެތި ގެއްލުން ތަކެއް އިޒްރޭލަށް ލިބޭނަމަ ފަނާކުރަނިވި ހަތިޔާރު ބޭނުން ކުރަން ތައްޔާރު ކަމަށްވެސް އޮތީ ބުނެފައެވެ. އައިޑީއެފްއިން ނޫސް ތަކަށް ބުނި ގޮތުން އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމުގެ ބޭނުމަކީ ހިޒްބުﷲ ހަނގުރާމަވެރިން ފައްސާލުމާއި، އިޒްރޭލުގެ ބޯޑަރު ކައިރީގައި މަގާމުތައް ހަދައިގެން ތިބި ހަނގުރާމަވެރިން ދުރަށް ޖެއްސުމެވެ.
އެމެރިކާއިން ދަނީ ސެޓެލައިޓްތައް ބޭނުން ކޮށްގެން ހިޒްބުﷲ ހަނގުރާމަވެރިންނަށް ފާރަލަމުންނެވެ. އަދި މިގޮތުން ހޯދާ މަޢުލޫމާތު ވަގުތުން ވަގުތަށް އިޒްރޭލު ސިފައިންނަށް ފޯރުކޮށްދެއެވެ. މެދުއިރުމައްޗަށް ނަގިލި ލައިގެން ތިބި އެމެރިކާ ސިފައިން މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އެއީ އިޒްރޭލު ސިފައިންނަށް އެހީތެރިވުމަށެވެ.
އައިޑީއެފްއިން ބުނާ ގޮތުން އެއްގަމު މަގުން ލުބްނާނަށް ވަދެގަތް ނަމަވެސް އަދި އިތުރު ބައެއް އަވަށް ތަކަށް އަރަން ޖެހުނު ނަމަވެސް އާންމުންނަށް ގެއްލުން ދިނުމެއް ނޯންނާނެއެވެ. އާންމުންގެ މީހަކަށް ގެއްލުމެއް ވާނީ ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ނަމަ ކަމަށްވެސް ބުންޏެވެ.
ހަމާސްގެ ހަނގުރާމަވެރިން ހޯދަން އިޒްރޭލު ސިފައިން ޣައްޒާއަށް އަރައިގެން ގޮތަށް ހިޒްބުﷲގެ ހަނގުރާމަވެރިން ހޯދަން ލުބުނާނަށް ވަދެގެންފައި ވާއިރު، އާންމު ތަންތަނުގައި ހަނގުރާމަވެރިން ތިބި ނަމަވެސް އިޒްރޭލު ސިފައިން އެ މީހުންނަށް ހަމަލާދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.