ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫޢުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު މެންދުރުފަހު ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސް ކުރައްވަމުން ރައީސް ވަނީ، އެ ޤައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ފާހަގަ ކުރައްވާފައެވެ. އަދި ދުނިޔޭގެ އިޤްތިޞާދުގައި ބާރުވެރި ޤައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެން ދިޔައީ، ޤައުމުގެ ތަރައްޤީ ޒަމާނާ ހަމަހަމަ ކުރުމަށް އަޙައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ޙާސިލް ކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައި ވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް ރައީސް ކުރައްވާ ތަޞައްވުރު ޙިއްސާ ކުރައްވާފައިވެއެވެ.
މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަ ތުތަކެއް ލިބި، ތަމައްދުނުވެ، އަމަން އަމާންކަން އިތުރުވެގެން ދާނޭކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަ ކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.