ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ދިގުރަށުގެ ކުނިގޮނޑުން ކުއްޖަކު ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހު އެވެ. އެ މައްސަލައާއި ގުޅިގެން ދައުވާ ކޮށްފައިވަނީ ސްރީލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓައެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވަނީ ނިންމައިފަ އެވެ.
މައްސަލަ ކުރިއަށް ގެންދެވޭނެކަން ކަނޑައެޅުމަށްފަހު ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ހިރަންޔާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައި ނުވާތީ ދިފާއީ ވަކީލު ވަނީ އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ. ގާޒީ ވަނީ މިއަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަށް ހުށަހެޅުމަށް ދިފާއަށް ފުރުސަތު ދީފަ އެވެ.
މިއަދު އަޑު އެހުމުގައި ދައުލަތުން ކުއްޖާގެ ޑީއެންއޭ ރިޕޯޓު ހުށަހަޅައިފަ އެވެ.
ޝަރީއަތުގެ ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ހިރަންޔާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާ ކަމަށާއި ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އަޑު އެހުންތައް ކުރިއަށް ގެންދާނީވެސް މެދުކެނޑުމެއް ނެތި ކަމަށެވެ.