ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތަކާއި ނުލައި ދެމެހެއްޓެނިވި ތަރައްްގީގެ ލަނޑުދަނޑިތައް ހާސިލެއް ނުވާނެ: ރައީސް

ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތަކާއި ނުލައި ދެމެހެއްޓެނިވި ތަރައްްގީގެ ލަނޑުދަނޑިތައް ހާސިލެއް ނުވާނެ: ރައީސް

ދެމެހެއްޓެނިވި ތަރައްްގީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތައް ކޮންމެހެން ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ އދ.ގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗާގެ ތެރެއިން ބޭއްވި 3 ވަނަ އިންޓަރެކްޓިވް ޑައިލޮގް ހުޅުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ކުރިއަރާ ތަރައްޤީވަމުން ދަނީ ތަޖުރިބާކާރުންނަށްވެސް އަރާ ހަމަކުރެވޭވަރަށް ވުރެ ހަލުވި ދުވެއްޔެއްގައިކަމަށެވެ. ނަމަވެސް ދުނިޔޭގެ 3 ބައިކުޅަ އެއްބައި މީހުން އަދިވެސް އުޅެނީ އިންޓަނެޓާއި ނުލާކަން އެއީ ޤަބޫލު ކުރަންޖެހޭ ހަޤީޤަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން އުފެދެނީ ހަމައެކަނި އިންޓަނެޓް ނުލިބުމުގެ ފަރަޤެއް ނޫންކަމަށާއި، އެކަމުގެ ސަަބަބުން ތަރައްޤީއާއި، ފުރުސަތުތަަކާއި އަދުލްއިންސާފުގެ ބޮޑު ފަރަޤެއް އުފެދޭކަމަށެވެ.  އެހެންކަމުން ޑިޖިޓަލް ގޮތުން ކުރިއަރައިގެން ދިއުމުގައި ހުރި ފަރަޤުތައް ނައްތާލައި، އެއްވެސް ޤައުމެއް ބާކީވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށް ރައީސް ވަނީ މި ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ދުނިޔެއެއްގައި ކުރިއަރައިގެންދިއުމަށް މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.  އޭގެތެރޭގައި ޑިޖިޓަލް އިޤްތިޞާދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމާއި، ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަތައް ޤާއިމް ކުރުމާއި ޚިދުމަތްތައް ލިބިގަންނަ ފަރާތް ތަކުގެ ހައްގުތައް ރައްކާތެރި ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަމުންދަނީ މިކަންކަމަށް ރިޔާއަތް ކޮށްގެން ކަަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްްޤީީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތައް ކޮންމެހެން ބޭނުންވާ ކަމަށާއި، އަދި އެކަންކަން ހާސިލު ކުރެވޭނީ ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި ތަރައްޤީ ވެފައިވާ ޤައުމު ތަކުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *