ހުޅަނގު އައްސޭރީގައި ހުންނަ އަލް ޖަޒީރާ ޓީވީގެ އޮފީސް ބަންދު ކުރަން އިޒްރޭލުން އަންގައިފި

ހުޅަނގު އައްސޭރީގައި ހުންނަ އަލް ޖަޒީރާ ޓީވީގެ އޮފީސް ބަންދު ކުރަން އިޒްރޭލުން އަންގައިފި

ޤަތަރުގެ އަލް ޖަޒީރާ ޗެނަލްގެ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި އޮފީސް 45 ދުވަސް ތެރޭގައި ބަންދު ކުރުމަށް އިޒްރޭލުގެ ސިފައިން އަންގައިފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައި ވަނީ އަލް ޖަޒީރާ ޗެނަލުންނެވެ. އިޒްރޭލު ސިފައިން އަލް ޖަޒީރާގެ އޮފީހަށް ވަދެ، ބިއުރޯ ޗީފް ވަލީދު އަލް އުމަރީއަށް ކޯޓު އަމުރެއް އޮތް ކަމަށް ބުނެ އިންޒާރުދިނެވެ. ސިފައިން އެންގީ ހުރިހާ ކެމެރާއެއް ހިފައިގެން އެ ވަގުތުން އޮފީސް ދޫކޮށް ދިއުމަށެވެ. މި މަންޒަރު އަލް ޖަޒީރާއިން ވަނީ ލައިވްކޮށް ދައްކާފައެވެ.

އޮފީސް ބަންދު ކުރަން ޖެހުނު ސަބަބެއް ސިފައިންގެ ފަރާތުން ބުނެދީފައެއް ނުވެއެވެ. އިޒްރޭލުން މީގެ ކުރިންވެސް އަލް ޖަޒީރާގެ މަސައްކަތަށް ހުރަސްއަޅާފައިވާ ކަމަށް އެ ޗެނަލުން ބުނެއެވެ. މިދިޔަ ހަތަރު މަސް ކުރިން އިޒްރޭލު ތެރޭގައި އަލް ޖަޒީރާގެ އޮޕަރޭޝަންތައް މަނާކުރި އިރު، މިދިޔަ ހަފުތާގައި އަލް ޖަޒީރާގެ ނޫސްވެރިންގެ ހުއްދަތައް ބާތިލު ކުރަން ނިންމި ކަމަށްވެސް އިޢުލާނު ކޮށްފައިވެއެވެ.

އަލް ޖަޒީރާއިން ބުނެފައި ވަނީ ހުޅަނގު އައްސޭރި އޮފީސް ބަންދުކުރި ނަމަވެސް، ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާ ގުޅޭ ގޮތުން އެ ޗެނަލުން ގެނެސްދޭ ޚަބަރުތައް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

އިޒްރޭލުން އަބަދުވެސް ތުހުމަތު ކުރަނީ އަލް ޖަޒީރާގެ ނޫސްވެރިންގެ ތެރޭގައި "ޓެރަރިސްޓުންގެ އޭޖެންޓުން" ތިބޭ ކަމަށެވެ. ނަމަވެސް މި ތުހުމަތު ތަކަކީ އެއްވެސް އަސާސެއް އޮތް ވާހަކަ ތަކެއް ނޫން ކަމަށް ބުނެ އަލް ޖަޒީރާއިން އެ ވާހަކަ ތަކަށް އިންކާރު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *