ސްރީލަންކާގެ އިންތިހާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ އިންތިހާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރަ ކުމާރަ ޑިސަނަޔަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީތީ ޑިސަނަޔަކަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ލަންކާކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ގައުމު ކަމަށާއި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން، ގާތް އަވައްޓެރިންގެ ހައިސިއްޔަތުން ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ތާރީހީ ރަހުމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އުއްމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓު ވޯޓުލާފައިވެ އެވެ. ލަންކާގެ ރިޔާސީ އިންތިހާބުގައި 38 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވެ އެވެ. އެހެންވެ، ވަނީ ދެވަނަ ބުރަށް ވޯޓު ގުނައިފަ އެވެ.

މިއީ ލަންކާގެ ތާރީހުގައި، ދެވަނަ ބުރަށް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

ލަންކާގައި ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ތިން ކެންޑިޑޭޓަކު ހިޔާރު ކުރާނެ އެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެ އެވެ.

ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ޚހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯ އެވެ. އެގޮތުން ހިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނަ އެވެ.

އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފައެވެ.

މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޑިސަނަޔަކަ ވާދަކުރެއްވި އެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގަތީ ތިން ޕަސެންޓް ވޯޓެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އެ ޕާޓީއަށް ނިސްބަތްވަނީ ތިން ގޮނޑިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ލިބިވަޑައިގަތީ 17.27 ޕަސެންޓު ވޯޓެވެ. ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގެންނަވާ ނާމަލް އަށް ތަރުހީބު ވަރަށް ކުޑަ އެވެ. އޭނާއަށް ލިބިފައިވާ ކަމަށް ދައްކަނީ އެންމެ 2.57 ޕަސެންޓް ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *