އެއްލައިދޫ ރިސޯޓް ކައްކާ މަރައިލުން: ފުރައިގެންދިޔަ ހެކިވެރިން ހޯދަން އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދިއްޖެ

އެއްލައިދޫ ރިސޯޓް ކައްކާ މަރައިލުން: ފުރައިގެންދިޔަ ހެކިވެރިން ހޯދަން އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދިއްޖެ

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާގުޅޭ ބައެއް ހެކިން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެމީހުން ހޯދުމަށް ރާއްޖެއިން އިންޓަޕޯލްގެ އެހީއަށް އެދިއްޖެއެވެ.

އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ކަތިވަޅިއަކުން ހަމަލާދީ މަރާލި މައްސަލާއިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހްސާންއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އެ މައްސަލާގުޅޭ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ތިބި ތަނަކާބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް މީގެކުރިން ދައުލަތުން ކޯޓަށް އަންގާފައިވި ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަަމަށެވެ.

މިހާރު އެކަން ގޮސްފައިވާ ހިސާބެއްގެ މައުލޫމާތު އޮޅުން ފިލުއްވެވުމަށް ގާޒީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުން ތިބި ތަނެއް ނޭނގޭކަމަށެވެ.

އެހެންކަމުން މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށާއި، މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތު ލިބފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ހެކިން ހާޒިރުކުރަން މުއްދަތެއް ނެތް ގޮތަށް ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ މަހުގެ ކުރީކޮޅު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ހޯދުމަށްފަހު ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހްސާން ވިދާޅުވިއެވެ.

ނަމަވެސް ހާދިސާ ހިނގިއިރު ޖަޔަލަތުއާ އެކު ރިސޯޓްގައި އުޅުނު މީހެއްގެ ހެކިބަސް މިއަދުގެއަޑު އެހުމުގައި ވަނީ ނަގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *