މިސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން ކުރީގެ ރައީސް ޔާމީން ސަރުކާރުގެ އެންމެ ފަހުގެ ނާއިބު ރައީސް އަބުދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ، އޭނާ އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު އަލުުން ހުށަހެޅުމަށް، އެ މައްސަލަ ހައިކޯޓުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާލައިފިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ޖިހާދުގެ މައްޗަށް، ކޮރަޕްޝަންގެ ދައުވާ އުފުލީ، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ.
އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް މައްސަލައިގެ ތަހުގީގީ މަރުހަލާގައި ގޯސްތަކެއް ހިމެނޭކަން ފާހަގަކުރައްވައި، އެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، މިދިޔަ ޖުލައި މަހުގެ 25 ވަނަދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
އެކަމާ ގުޅުގެން މިމަހުގެ 11 ވަނަ ދުވަހު ކުރީގެ ޕީޖީ އެ މައްސަލަ އަލުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެ މައްސަލަ ކޯޓުން ބަލައިވެސް ގަތެވެ.
ނަމަވެސް މި މައްސަލައާ ބެހޭގޮތުން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑީޔާރު ފާތިމަތު ފަރްހީޒާ ހިމެނިވަޑައިގަންނަވާ ބެންޗުން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުމުގައި ވަނީ، އަބްދުﷲ ޖިހާދަށް ކޯޓަށް ހާޒިރު ވުމުގެ އަމުރު ފޮނުވަންވީ އެޑްރެހެއްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޕީޖީ އޮފީހުން ބަޔާންކޮށްފައިވާ އެޑްރެހުން ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދު ކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން ޖިހާދު މިހާރުއުޅޭ އެޑްރެސް ސާފު ކުރުމަށް ކޯޓުން ޕީޖީ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި މިމަހުގެ 12 ވަނަދުވަހު ޕީޖީ އޮފީހުން ފޮނުވި ސިޓީން ޖިހާދު މިހާރު ދިރިއުޅޭ އެޑްރެހަކީ މ.ވެސްޓް ވިއު ތިންވަނަ ފަންގިފިލާކަމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އެ ނިންމުމުގައި ވެއެވެ.
ނަމަވެސް ކޯޓަށް ހާޒިރު ވުމުގެ އަމުރު ޖިހާދަށް ރައްދު ކުރުމަށް ކޯޓުން އެ އެޑްރެހަށް ދިއުމުން އެ ގޭގައި އޭނާ ނޫޅޭކަމަށް އެ ގެއިން މައުލޫމާތު ދީފައި ވާކަމަށް ބުނެފައިވާ ކަމަށްވެސް ނިންމުމުގައިވެއެވެ.
އެހެންކަމުން މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ އަބުދުﷲ ޖިހާދު ހައިކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ، އަބުދުﷲ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު 19 ސެޕްޓެމްބަރުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލަށް އޮތްކަމަށް އަންގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ ދަށުން މި ގަޒިއްޔާގެ ދައުވާފޯމު ޕީޖީ އޮފީހަށް އަނބުރާ ފޮނުވައިލުމަށް މި ގަޒިއްޔާ ހައިކޯޓުގައި ބެއްލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކަމަަށްވެސް މި ނިންމުމުގައިވެއެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.
އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ ކަމަށް ޕީޖީން ކުރިން ބުނެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ.